ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ސަރުކާރުގެ ޚިދުމާތު މަރުކަޒު"ގެ ނަމުގައި ރާއްޖޭގެ 18 އަތޮޅެއްގައި މަރުކަޒުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
މިއަދު އުފެއްދެވި މި މަރުކަޒުތަކަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް (ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާ)ގެ ދަށުން ހިންގަމުންގެންދާނެ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
މި މަރުކަޒުތައް ގާއިމުކުރެއްވި މައިގަނޑު މަގުސަދަކީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ އެއްގޮތަށް، ގައުމީ އިދާރާތަކުން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތައް އެކުލެވިގެންވާ "އިންޓަގްރޭޓަޑް ސަރވިސް ސެންޓަރު"ތަކެއް މެދުވެރިކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ.
އެގޮތުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހިމެނޭ 18 އަތޮޅުގައި މި މަރުކަޒުތައް އުފައްދަވާފައިވެއެވެ.
މި ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތަކާއި، ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކުގައި ޖަހާނެ މުއައްސަސާ ނަންބަރުތައް ވަނީ އާންމުކުރައްވާފައެވެ.





