ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑުކަންނެލި މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ހުޅުމާލޭގައި ގާއިމުކުރާ 100 ޓަނުގެ ޕެކިން ފެސިލިޓީ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ޒަމާނީ މަސް މާރުކޭޓެއް ތަރައްގީކުރާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިން ބާނާ މަސް މިފްކޯއަށް ގަންނަން ފެށުމާއި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސްގެ މުހިންމު ވައުދުފުޅެއް ކަމަށާއި، މިހާރު މިފްކޯއިން ބޮޑުކަންނެލި ގަންނަން ފަށާފައިވާ ކަމަށެވެ.
ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްދާ މި އިމާރާތަކީ ގްރައުންޑް ފްލޯއާއި ޓެރަހުގެ އިތުރުން 7 ފަންގިފިލާ ހިމެނޭހެން ތަރައްގީކުރެވޭ ތަނެކެވެ.
މީގެ ތެރެއިން 5 ފަންގިފިލާ ކޯލްޑް ސްޓޮރޭޖަށް ހާއްސަކުރާއިރު، 1 ވަނަ ފަންގިފިލާގައި ޕެކިން ފެސިލިޓީ އަދި ޓެރަހުގައި ކެފެޓީރިއާއެއްގެ އިތުރުން އިދާރީ އޮފީސްތަކަށް ހާއްސަ ޖާގަ ހުންނާނެއެވެ.
މި ފެސިލިޓީއަކީ މިފްކޯއާއި އާންމުންގެ ބޭނުންތަކަށް ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރެވޭ ތަނެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.



