މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ލައިސަންސް ނެތި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ގެ އޮފީސް ފުލުހުން ފުރަތަމަ ފަހަރަށް ރެއިޑްކޮށް ބަލައިފާސްކުރަން ފަށައިފިއެވެ. މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރަމުންދާއިރު، އެ ކުންފުނިން ބޭރު ފައިސާގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ.
ނައިޑް އިންވެސްޓްމެންޓަކީ ރ. އަތޮޅުގައި އޮންނަ ފުރަވެރި މޯލްޑިވްސް ރިސޯޓު ހިންގާ ކުންފުންޏެވެ. މި އޮޕަރޭޝަނަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތައް ހޯދުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއިން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޓާސްކްފޯސްގެ އޮޕަރޭޝަނެއްގައި އިއްޔެ ވަނީ ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ބޭރު ފައިސާގެ މުއާމަލާތްކުރި ހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހަށް އަމަލުކުރަން މިއަދު ވަނީ ފަށާފައެވެ.




