ގާނޫނާއި ގަވައިދާ ޚިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކޮށް، އަމިއްލަ އެކައުންޓުތަކުގައި ފާއިތުވި ތިން އަހަރު ތެރޭ 54.4 މިލިއަން ރުފިޔާއާއި 1.63 މިލިއަން ޑޮލަރު ދައުރުކުރި ހަ ބިދޭސީއަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހޯދައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މީހުން އަތުލައިގަތީ ގާނޫނާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ މީހުން ދެނެގަތުމަށް އެކުލަވައިލާފައިވާ ހާއްސަ ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
މި މައްސަލައިގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހަ ބިދޭސީންނަކީ އެ މީހުންނަށް ރާއްޖޭގައި މަސައްކަތްކުރުމަށް ދޫކޮށްފައިވާ ހުއްދައިގެ ދާއިރާއިން ބޭރުން ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އައި މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެކައުންޓެންޓެއްގެ ގޮތުގައި އުޅުނު ބަންގްލަދޭޝްގެ މުހައްމަދު ރާހުލް އަމީންއާއި، ވެއިޓަރެއްގެ ގޮތުގައި އުޅުނު ބަންގްލަދޭޝްގެ މަސްއޫދު މިއާއާއި، ޑްރައިވަރެއްގެ ގޮތުގައި އުޅުނު ބަންގްލަދޭޝްގެ އެމްޑީ ފަރީދުއްދީންގެ އިތުރުން ސާފުކުރުމުގެ މަސައްކަތުގައި އުޅުނު ބަންގްލަދޭޝްގެ މުހައްމަދު މަހަމުދުރު ހަސަންއެވެ. މީގެ އިތުރުން އިންޖިނިއަރެއްގެ ގޮތުގައި އުޅުނު އިންޑިއާގެ ދުލްކަރުނައި އިމްރާން ޚާންއާއި ސޭލްސްޕާސަނެއްގެ ގޮތުގައި އުޅުނު އިންޑިއާގެ މުހައްމަދު އަސަތު ކަލަންދަރު ހުސައިން ވެސް ވަނީ މި މައްސަލައިގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، ގާނޫނާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ މީހުންގެ މައްސަލަތައް ބެލުމަށް އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ތިބެ ގާނޫނާ ޚިލާފު މުއާމަލާތްތައް ކުރުމަށް ދޫކޮށްފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އެއްވެސް މީހެއްގެ ބޭންކު އެކައުންޓެއް ގާނޫނާ ޚިލާފު ކަންކަމަށް މަގުފަހިކުރުމަށް ދޫކޮށްފިނަމަ، އެ މީހެއްގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ވަނީ އިންޒާރުދީ، އެފަދަ ފުރުސަތުތައް ނުދިނުމަށް އިލްތިމާސްކޮށްފައެވެ.
މި ދަނޑިވަޅަކީ ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލްކޮށް ގާނޫނީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންދާ ވަގުތެކެވެ. އެގޮތުން، މިދިޔަ މަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ގަވައިދާ ޚިލާފަށް ފައިސާ އެކްސްޗޭންޖުކުރި ހަތް ފަރާތަކުން ނުވަ މަސްދުވަސް ތެރޭ 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރުކުރުމާއި ކަޅުބާޒާރުގެ ރޭޓުތައް އާންމުކުރުން މަނާކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގުކުރައްވާފައެވެ. މި ގާނޫނުގެ ދަށުން އެފަދަ ކުށެއް ކުރާ އާންމު ފަރުދުން 25,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު، ވިޔަފާރިތައް 100,000 ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.



