އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއިން ހިމަބިހީގެ 243 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 17 ކޭސް ވަނީ ފެނިފައެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހިންގާ ވެކްސިން ދިނުމުގެ ހަރަކާތުގެ ދަށުން މިހާތަނަށް 16،045 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
އެޖެންސީން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލިއުޅޭކަމަށް ޝައްކު ކުރެވިގެން ޓެސްޓު ހަދައިފިނަމަ، ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށާއި، އަލާމާތްތައް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އެދިފައެވެ.
"މީސްލްސް ވައިރަސް" ނުވަތަ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ "މޯބިލިވައިރަސް" އިން ޖެހޭ ހިމަބިއްސަކީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ވަރަށް އަވަހަށް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ކުޑަކުދިންގެ މެދުގައި ބޮޑަށް އުޅުނު ނަމަވެސް، ކޮންމެ އުމުރެއްގެ މީހަކަށްވެސް މި ބަލި ޖެހިދާނެއެވެ. ބަލިޖެހިފައިވާ މީހާއާ އެކުއުޅޭ މީހުންގެ 90 އިންސައްތައަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނައިރު، ބަލި ފެތުރެނީ ގައިގައި ބިހިތައް ނެގުމުގެ 4-5 ދުވަސް ކުރިންނާއި ބިހިތައް ނަގާތާ 4-5 ދުވަހާ ދެމެދުގައެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ވެކްސިން ޝެޑިއުލްގެ ދަށުން ކުއްޖާއަށް 9 މަހުގައި އެމްއާރު ވެކްސިން އަދި ފަހުން އެމްއެމްއާރު ވެކްސިން ދެމުން އަންނަކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.



