"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރެފައިވާ "ގެގް އަމުރު" ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަށް ބާ ކައުންސިލުން ތަދައްހުލްވެއްޖެ އެވެ.
ބާ ކައުންސިލުން ހާމަކުރި ގޮތުގައި މި މައްސަލައަށް ތަދައްހުލްވާން ހުށަހެޅީ އެ ކައުންސިލުން އަބަދުވެސް ވަކާލާތުކުރާ ބައެއް އަސާސީ ހައްގުތައް ނެގެހެއްޓުމުގެ މަސައްކަތުގެ ދަށުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ޑިއު ޕްރޮސެސް (އަދުލުވެރި ޝަރީއަތެއްގެ އިޖުރާއަތްތައް) ކަށަވަރުކުރުން.
-
ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކުރުން.
-
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްކާތެރިކޮށްދިނުން.
މި އަމުރު އިސްތިއުނާފު ކުރަން އެންމެ ފުރަތަމަ ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ފަރާތުންނެވެ. ނަމަވެސް، އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވުމާ ގުޅިގެން، ފަހުން މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ އަމުރު ރައްދުވާ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އެވެ.
މި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ އިސް ދެ ވެރިން ކަމަށްވާ ފިޔާޒު އަދި ހަސަން އަހުމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވެއެވެ. އަދި ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލާން ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ބާ ކައުންސިލުން ކުރިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އިންސާފު ގާއިމުކުރުމުގެ އުސޫލުތަކާއި އަސާސީ ހައްގުތައް ހަނިވަމުންދާ ކަންތައްތަކެއް ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނޫސްވެރިން ޖަލަށްލުން.
-
ހިނގަމުންދާ ޝަރީއަތްތަކާ ގުޅޭގޮތުން އާންމުން ވާހަކަދެއްކުން ހަނިވާނެހެން ފުޅާ ދާއިރާއެއްގައި އަމުރުތައް ނެރުން.
-
ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގާއި ހުޅުވާލައިގެން ކޯޓުތަކުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ ހައްގަށް ހުރަސްއެޅުން.




