ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ މީގެ ދެ އަހަރު ކުރިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައި އޮތުމާ ގުޅިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ ގުޅޭ މައްސަލައެކެވެ.
ޕީއެންސީއަށް ނިސްބަތްވާ ސިނާންގެ އިތުރުން އަޙްމަދު ވަޙީދާއި މުޙައްމަދު ސަލީމްގެ މައްޗަށް އެމްއައިބީން ކުރި މި ދަޢުވާގައި، 2024 ވަނަ އަހަރުގެ އޮކްޓޯބަރު 14 ގައި ކޯޓުން ވަނީ އެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް އަމުރުކޮށްފައެވެ.
ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ވަކީލު ޣާލިބު ސަލީމެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.
މައްސަލަ ނިންމަވަމުން ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި، 15 އޭޕްރީލް 2025 ގައި އެ ފައިސާ ދައްކައި ނިންމާފައިވާ ކަމަށް ބުންޏަސް، ފައިސާ ދައްކާފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ތަރުތީބުން ކޮންމެ މަހަކު ދައްކަންޖެހޭ މިންވަރަށް ނޫން ކަމަށެވެ.
އެހެންކަމުން، ޤާނޫނުއަސާސީގައި ބަޔާންކުރާ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމަށް ބެލެވޭތީ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.



