މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދާއިމީ ޗެއާޕާސަނަކު އިންތިޚާބުކުރެވެންދެން، އެ ޕާޓީ ހިންގުން ފަސް ލީޑަރުންގެ މައްޗަށް އެކުލެވޭ އިންތިގާލީ ކޮމިޓީއަކާ ހަވާލުކުރުމަށް އެއްބަސްވެއްޖެއެވެ.
މި ނިންމުން ނިންމާފައިވަނީ ޕާޓީގެ އެކި ފެކްޝަންތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.
މިކަމާ ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
ސިއްރުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި، ފަސް މެންބަރުންގެ ކޮމިޓީ އެކުލަވައިލުމުގެ އިތުރުން، ކުރީގެ ރައީސުންނަށް ގައުމީ މަޖިލީހުގެ މެންބަރުކަން ދިނުމާ ގުޅޭ ގަރާރެއް ހުށަހެޅުމަށް ވެސް ވަނީ ނިންމާފައެވެ.
މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕާޓީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފައްޔާޒު އިސްމާއީލާއި، މުހައްމަދު އަސްލަމް (ގަފޫރު) އަދި ޕާޓީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދެވެ.
މި ކޮމިޓީން ޕާޓީގެ އިދާރީ ހިންގުމާ ހަވާލުވެ ތިބޭނީ ދާއިމީ ޗެއާޕާސަނަކު އިންތިޚާބުކޮށް މަގާމާ ހަވާލުވަންދެންނެވެ.





