ކައުންސިލް އިންތިޚާބުގެ ނަތީޖާއިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒަށް ކަށަވަރުވެފައިވާކަން ހާމަވެއްޖެ ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
"ވަގުތު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޖާބިރު ފާހަގަކުރެއްވި ގޮތުގައި، ކާށިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީއަށްޓަކައި ކާށިދޫގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުން، އިންތިޚާބުވި މެންބަރުންނަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޖާބިރު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
"ޕީއެންސީގެ ކެންޑިޑޭޓުން ކާށިދޫއަށް އިންތިޚާބު ކުރުމަށް އަޅުގަނޑު ވެސް ނުހަނު ބޮޑަށް މަސައްކަތް ކުރިން. މި ނަތީޖާއާއެކު ކާށިދޫ ރައްޔިތުން އެދޭ ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ކައުންސިލުން ސަރުކާރާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން ރައްޔިތުންގެ ބޭނުންތައް ފަހިވެ، ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، ކާށިދޫ ރައްޔިތުންގެ ނިންމުމަކީ ވަރަށް ސާފު ނިންމުމެއް ކަމަށާއި، އެކަމާ އިންތިހާއަށް އުފާކުރައްވާ ކަމަށެވެ.
"ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގިނަ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބު ކުރުމަކީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒު ކާމިޔާބު ކުރައްވާނެ ކަމުގެ ސާފު ހެއްކެއް. އިންތިޚާބުގެ ތަފާސްހިސާބުތަކުން ދައްކަނީ އެއްބުރުން ރައީސް މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަން. ޕީއެންސީން މި ހޯދި ބޮޑު ކާމިޔާބީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަންޖެހޭ،" ޖާބިރު ވިދާޅުވިއެވެ.





