މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދިފައިވާކަމަށް އެންޓި-ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންޓި-ސެކޭމް ސެންޓަރުގެ، 2026މާރިޗު 29 އިން އޭޕްރިލް 04 އާ ދެމެދު ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 42 ސްކޭމްގެ މައްސަލަ އެ ސެންޓަރަށް ވަނީ ރިޕޯޓްކޮށްފައެވެ.
މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދަކީ 322,270.00 ރުފިޔާއެވެ. ނަމަވެސް، އެންޓި-ސްކޭމް ސެންޓަރުން ކުރި މަސައްކަތުންނާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން 227,828.00 ރުފިޔާ (ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ) ވަނީ އަނބުރާ ހޯދިފައެވެ. މިއީ ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުމުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ފުލުހުން ބުނެއެވެ.
މިއީ މައްސަލަ ހުށަހެޅޭ ވަގުތުން ފެށިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން އެޅޭ އަވަސް ފިޔަވަޅުތައް ހަލުވިވެފައިވާ މިންވަރާއި، ތަހުގީގުގެ މަރުހަލާތަކުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާ ކަމަށް ފުލުހުން ބުނެއެވެ.
އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް
މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތަކެވެ. މިގޮތުން މިފަދަ ޖުމުލަ 30 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި އޮޅުވާލައިގެން މުދާ ވިއްކާ ކަމަށް ދައްކައިގެންނާއި، ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ހިމެނެއެވެ.
އޮންލައިންކޮށް ވިޔަފާރިކުރާއިރު، ހާއްސަކޮށް ނަން މަޝްހޫރު ނޫން ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މާކެޓްޕްލޭސްތައް މެދުވެރިކޮށް މުދާ ގަންނައިރު، ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ހިނގާފައިވާ ސްކޭމްތައް
ފުލުހުން ވަނީ ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން ހިންގާ ސްކޭމްގެ 4 މައްސަލަ: މިފަދަ ސްކޭމްތައް މަދުކުރުމަށްޓަކައި ރަސްމީ ނިޒާމުގެ ބޭރުން ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ނުހިންގުމަށް އިލްތިމާސްކޮށްފަ އެވެ.
މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 4 މައްސަލަ: މިފަދަ ސްކޭމް މަދުކުރުމަށްޓަކައި ދަންނަ މީހެއްގެ ނަމުގައި ނުވަތަ ރަސްމީ ފަރާތެއްގެ ނަމުގައި ގުޅައި، ފައިސާގެ އެހީތެރިކަމަށް އެދި ހިންގާ މިފަދަ އަމަލުތަކަށް ސަމާލުވުމާއި އެހެން މީހެއްގެ އެކައުންޓަށް ފައިސާ ނުފޮނުވުމާއެކު އެހެން ގޮތަކުން އެއީ ހަމައަސްލުވެސް ތިޔާ ހީކުރާ މީހާކަން ކަށަވަރު ކުރުމަށް އެދިފައިވެއެވެ.
އެހެނިހެން ސްކޭމްގެ 4 މައްސަލަ: މީގެ ތެރޭގައި އަލަށް އުފެދެމުންދާ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހިންގާ މައްސަލަތައް ހިމެނެއެވެ.
މި މުއްދަތުގެ ތެރޭގައި ފިޝިންގ، ވިޝިންގ ނުވަތަ ވަޒީފާގެ ފުރުސަތުތައް ދައްކައިގެން ހިންގާ ސްކޭމްތަކުގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވެއެވެ. މިއީ މިފަދަ ސްކޭމްތަކަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދައްކުވައިދޭ ހެޔޮ ބަދަލެއް ކަމަށް ފުލުހުން ބުނެއެވެ.
އެންޓި ސެކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ސްކޭމްތަކުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ހޭލުންތެރިވުން ކަމަށެވެ.
"[ސްކޭމްތަކުން ރައްކާތެރިވުމަށް] އެންމެ މުހިންމު އެއް ކަމަކީ، ސައްހަކަން ކަށަވަރުނުވާ އޮންލައިން މުއާމަލާތްތަކާ ދުރުހެލިވުން. އަދި ކުއްލި ގޮތަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ މެސެޖުތަކާއި ކޯލްތަކަށް ސަމާލުވެ އިތު އެހެން ގޮތަކުން އެމީހާގެ އައިޑެންޓިޓީ ކަށަވަރު ކުރަންވާނެ. ހާއްސަކޮށް [ވާހަކަ ދައްކާމީހާނޫން]އެހެން މީހެއްގެ އެކައުންޓަށް ފައިސާ ފޮނުވަން އެދޭނަމަ. އޭގެ އިތުރުން، އެސް.އެމް.އެސް ނުވަތަ އެކި މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ފޮނުވާ ނޭނގޭ ލިންކުތަކަށް ނުފިއްތުމަކީވެސް ކުރެވިދާނެކަމެއް" އިންސްޕެކްޓަރ ނަވީދު ވިދާޅުވިއެވެ.
ފައިސާގެ މުއާމަލާތެއް ކުރުމުގެ ތެރެއިން ނުވަތަ މުއާމަލާތެއް ކުރުމަށްފަހު ނަމަވެސް، ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓްކުރުމަށް އެދިފައިވެއެވެ.
އަވަހަށް ރިޕޯޓްކުރުމަކީ އިތުރު ބަޔަކު މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުން ހުއްޓުވުމަށާއި، ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެކެވެ. އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކުރެއްވުމަށް 125 އަށް ގުޅުއްވުމަށްފަހު އެކްސްޓެންޝަން 2020، ނުވަތަ 911 އަށް ގުޅުއްވައިގެން މައްސަލަ ހުށަހެޅޭނެކަމަށް ފުލުހުން ބުނެއެވެ.




