ސިޔާސީ ޕާޓީގެ ނިޒާމު ރާއްޖެއަށް ތައާރަފްވި ފަހުން އެމްޑީޕީގެ އެންމެ ބަދަހި އެއް "ކިއްލާ" ކަމަށްވާ އއ. އުކުޅަހުގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެ ޕާޓީއަށް ގެއްލި، ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އުކުޅަހު ކައުންސިލަށް ހޮވަންޖެހޭ ތިން ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެގޮތުން ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓް އަލީ ވަހީދެވެ. އޭނާގެ އިތުރުން ކައުންސިލަށް ދެން ހޮވިވަޑައިގަތީ އައިމިނަތު ޒޫނާ އާއި މުހައްމަދު ޝަފްރާޒެވެ.
މި ނަތީޖާއާއެކު، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް އުފެދުނީއްސުރެ މެދުކެނޑުމެއްނެތް ގޮތެއްގައި އުކުޅަހު ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދެވި އެމްޑީޕީގެ ޝައުކަތު އިބްރާހިމަށް ވަނީ މިފަހަރު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. މިއީ ޝައުކަތު ކައުންސިލް އިންތިހާބުގައި ވާދަކުރެއްވި ހަތަރުވަނަ ފަހަރެވެ.
ކައުންސިލްގެ އިތުރުން، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އަޣުލަބިއްޔަތުވެސް ވަނީ ޕީއެންސީން ހޯދާފައެވެ. އެ ކޮމެޓީގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ކާމިޔާބުކުރީ ސަރުކާރު ކޯލިޝަނުންނެވެ.
އުކުޅަހަކީ އެމްޑީޕީގެ ސިޔާސީ ތާރީހުގައި ވަރަށް މުހިންމު ހިއްސާއެއް އޮންނަ ރަށެކެވެ. އެގޮތުން 2018 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް އެރުވުމަށް ބޭއްވި ތާރީހީ ކޮންގްރެސްވެސް ބޭއްވީ އެ ރަށުގައެވެ. ލޯކަލް ޓޫރިޒަމްގައި ނަމޫނާ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ އުކުޅަހުން އެމްޑީޕީއަށް މިފަދަ ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހުމަކީ އެ ޕާޓީއަށް ލިބުނު ބޮޑު ސިހުމެކެވެ.





