އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ނަތީޖާއަށްފަހު، ސަރުކާރުން ހުރިހާ ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު ދެއްވައިފިއެވެ.
މިނިސްޓަރު އާދަމް ޝަރީފު އެކްސް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިއްޔެ ބޭއްވުނު އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ.
އަދި އަލަށް އިންތިޚާބު ކުރެވުނު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން، ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާ ގާތުން އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ، ސަރުކާރުން ކައުންސިލްތަކާ މެދު ބަހައްޓާ ހަމަހަމަ އުސޫލެވެ. އެގޮތުން އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު ގުޅިގެން ލޯކަލް ގަވަމެންޓް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، އަލަށް އިންތިޚާބުވެ ހުވާކުރާ ކައުންސިލްތަކާއެކު ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ކައުންސިލްތައް ބާރުވެރިކުރުވުމަށާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިކޮށްދިނުމާއި، އިދާރީ ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.





