މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި ޓެކްސީއެއް ހޯދުމަކީ މިއަދު އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ހާއްސަކޮށް މާލެ އެތެރޭގެ ކުރު ދަތުރުތައް ނެގުމަށް ޑްރައިވަރުން ދެކޮޅުހެދުމާއި، ހަމައެކަނި ބްރިޖް ދަތުރުތަކަށް އިސްކަންދޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މިވަނީ އަމަލީ ފިޔަވަޅެއް އަޅާފައެވެ. އެމްޓީސީސީ މެދުވެރިކޮށް އަންނަ ބުރާސްފަތި ދުވަހު ފަށާ "މާލެ ޓެކްސީ" ޚިދުމަތަކީ މި ތަކުލީފުތަކަށް ނިމުމެއް ގެނުވާނެ އުއްމީދީ ފެށުމެކެވެ.
ތިމާވެއްޓާ ރައްޓެހި، ޒަމާނީ ފްލީޓެއް
މި ޚިދުމަތަށް ޚާއްސަކޮށްގެން ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރު ވަނީ ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި ތަފާތު ތިން ބޭނުމަކަށް ހާއްސަ ތިން މޮޑެލްއެއް ހިމެނެއެވެ:
-
ލުމިން: މާލޭގެ ހަނި ގޯޅިތަކަށް ހާއްސަ 70 ކުދި ކާރު. މީގެ ޓާނިން ރޭޑިއަސް ކުޑަވުމުން ޔޫ-ޓާން ނެގުމަށާއި ގޯޅިތަކުން ދުއްވަން ފަސޭހަވާނެއެވެ.
-
ޑީޕަލް އެސްފައިވް: އެއާޕޯޓް ދަތުރުތަކަށް ހާއްސަ 60 ކާރު. މީގެ ކުރީކޮޅާއި ފަހަތުގައި ލަގެޖު އެރުވޭނެ ޖާގަ ހުރެއެވެ.
-
ޑީޕަލް އެސްސެވަން: ލަގްޒަރީ އަދި ޖާގަ ތަނަވަސް 20 ކާރު.
ރައްކާތެރިކަމާއި އިތުބާރު
އާންމު ޓެކްސީތަކާ ޚިލާފަށް "މާލެ ޓެކްސީ" ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަންދޭ ގޮތަށެވެ. ކޮންމެ ކާރެއްގައި 360 ޑިގްރީ ސެކިއުރިޓީ ކެމެރާ ހަރުކުރެވި، ހުރިހާ މަންޒަރެއް ރެކޯޑް ކުރެވެމުންދާނެއެވެ. މީގެ އިތުރުން، ޚާއްސަ ޔުނިފޯމެއްގައި ތިބޭ ތަމްރީނުލިބިފައިވާ ޑްރައިވަރުންނާއެކު، މިއީ "އަރާމު އަދި ކޮމްފޮޓެބަލް" ދަތުރެއްގެ ޔަގީންކަންދޭ ޚިދުމަތެކެވެ.
އެޕް މެދުވެރިކޮށް ޑިޖިޓަލް ހައްލެއް
މި ޚިދުމަތް ބިނާވެފައިވަނީ 24 ގަޑިއިރު ހިދުމަތް ލިބޭ މޯބައިލް އެޕްލިކޭޝަނެއްގެ މައްޗަށެވެ. އެޕް މެދުވެރިކޮށް ދަތުރަށް އެދުމުން، އެންމެ ކައިރީގައި ހުރި ޓެކްސީ ސިސްޓަމުން އެސައިން ކުރާނެއެވެ. މީގެ ސަބަބުން، ވަކި މަންޒިލަކަށް ނޫނީ ދަތުރު ނުނަގާ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީގެ ޓްރާންސްޕޯޓް ޖީއެމް އަބްދުﷲ ފާރިޝް ވިދާޅުވި ގޮތުގައި، މިއީ އާރުޓީއެލް ބަހާއި ފެރީގެ ޚިދުމަތް ފަދައިން، ރާއްޖޭގެ ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމަށް ގެނެވޭ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
މި ޚިދުމަތުގެ ހޮޓްލައިން ނަމްބަރަކީ 1655 އެވެ.





