ކަސްޓަމްސްއިން ވަޒީފާއަށް ހުޅުވާލައި ކުރި އިއުލާނުގައިވާ ގޮތުން، އެ ޚިދުމަތުން ހުޅުވައިލައިފައިވަނީ އެސިސްޓެންޓް 48 ކަސްޓަމްސް އޮފިސަރު ޓްރެއިނީގެ މަގާމަށެވެ.
އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާދޭއިރު، މަގާމުގެ އިނާޔަތުގެ ގޮތުގައި 4،660 ރުފިޔާ ދެއެވެ. އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާ އިނާޔަތުގެ ގޮތުގައި ދެއެވެ. އޭގެ އިތުރުން ދައުލަތުގެ ޕޭ ފްރޭމްވޯކުގައިވާ ގޮތަށް، ކޮއްތު ފައިސާއާއި އިތުރުގަޑީގެ ފައިސާއާއި އެހެން އިނާޔަތްތައްވެސް ދޭނެ އެވެ. އެއިރަށް 12،000 ރުފިޔާއަށް ވުރެ ގިނައިން ކޮންމެ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި ލިބޭނެ އެވެ.
އެ މަގާމުގެ ޝަރުތަކީ ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބުމާއި ސެކަންޑަރީ ސްކޫލު އިމްތިހާނުން ދަށްވެގެން ސީ ފާސް އަދި ކަސްޓަމްސް އިން ކަނޑައަޅާ ފިޒިކަލް ޓެސްޓުން ފާސްވުމެވެ.
ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ލެވެލް 3 ހާސިލްކޮށްފައިވުމާ އެކު އޯ ލެވެލް ދިވެހި މާއްދާއިން ދަށްވެގެން ސީ ލިބިފައި ވުން ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމަސްގެ އެފަދަ މަސައްކަތާ ގުޅުން ހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ކަސްޓަމްސް އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން މިއަދު އިއުލާންކުރު އިރު، މިދިޔަ އަހަރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު މެއި މަހުގެ ތެރޭގައި 164 މުވައްޒަފުން ހޯދަން އިއުލާންކުރި އެވެ.
މި މަހުގެ 1 އިން ފެށިގެން ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ.




