އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.
އިސްލާމިކް މިނިސްޓަރުގެ މި ދަތުރުފުޅަކީ މަދީނާގައި ކުރިއަށްދާ 'ޢުމްރާ އެންޑް ޒިޔާރާ ފޯރަމް 2026’ގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތް ޢިމާރާތް ކުރުމުގެ ފަހުމުނާމާގައި ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏަކާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދުވާ ގުޅުން ވަނީ އިތުރަށް ހަރުދަނާވެގެންގޮސްފައެވެ. މިގޮތުން ޙައްޖާއި ގުޅޭ ކަންކަމުގައި ސަޢުދީ ސަރުކާރުން އަންނަނީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވަމުންނެވެ.
އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ބެހޭ ވުޒާރާއާއި، އިސްލާމީކް މިނިސްޓްރީއާއި ގުޅިގެންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީއާއި ވުޒާރާއާއި ގުޅިގެންވެސް މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.




