ސްރީ ލަންކާގައި ދިރިއުޅޭ އަދި ބޭސްފަރުވާއަށް އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންނަށް އުފާވެރި ޚަބަރެއް ސަރުކާރުން ދީފިއެވެ. ކޮލޮމްބޯގައި ހުންނަ މަޝްހޫރު ކިންގްސް ހޮސްޕިޓަލުން މިހާރު އާސަންދައިގެ ދަށުން ބަލިމީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކިންގްސް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ މަހުން ފެށިގެން އެ ހޮސްޕިޓަލުން އަންނަނީ އާސަންދަ މެދުވެރިކޮށް ދިވެހިންނަށް ހިދުމަތް ފޯރުކޮށްދެމުންނެވެ. މިއީ ލަންކާގައި ހުރި ބޮޑެތި ހޮސްޕިޓަލްތަކުގެ ތެރެއިން ދިވެހިންގެ އިތުބާރު ލިބިފައިވާ ތަނަކަށް ވުމުން، މިއީ ގިނަ ބަޔަކަށް ލިބޭނެ ބޮޑު ލުޔެކެވެ.
މި އާ އިންތިޒާމު ހަމަޖެހިގެން މިދިޔައީ، ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން އާންމުކޮށް ފަރުވާ ހޯދަމުން އައި "ލަންކާ ހޮސްޕިޓަލްސް" އާއެކު އޮތް އެއްބަސްވުން ދާދި ފަހުން އާނުކޮށް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ކުރިން ވިދާޅުވެފައިވަނީ، ލަންކާ ހޮސްޕިޓަލާއެކު އެއްބަސްވުން އާނުކުރެވުނީ ދެ ފަރާތުން ހުށަހެޅި ބައެއް ޝަރުތުތަކަށް އެއްބަސްނުވެވުމުން ކަމަށެވެ. އެ ދުވަސްވަރު ގިނަ އަދަދެއްގެ ދިވެހިން ވަނީ ހިދުމަތް މެދުކެނޑުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އާސަންދަ ކުންފުނިން ބޭރުގެ ހޮސްޕިޓަލްތަކާ ގުޅިގެން ކުރިއަށްގެންދާ މި ހިދުމަތުގެ ދަށުން، މިހާރުވެސް ރާއްޖޭން ބޭރުގެ 63 ހޮސްޕިޓަލަކާއެކު ވަނީ އެއްބަސްވުން ހަދާފައެވެ. އޭގެ ތެރޭގައި ސްރީ ލަންކާގެ 9 ހޮސްޕިޓަލެއް ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށްދާ ގައުމުތަކުން ފެންވަރު ރަނގަޅު ހިދުމަތްތައް އާސަންދައިގެ ދަށުން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ. ކިންގްސް ހޮސްޕިޓަލުން ހިދުމަތް ލިބެން ފެށުމާއެކު، ހާއްސަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އިތުރު އިޚްތިޔާރުތަކެއް ލިބިގެންދާނެއެވެ.




