ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އަޞުރު ނަމާދަށް މަސްޖިދު ޔޫސުފުލް ބަރްބަރީ (ބަރުބަރީ މިސްކިތް) ހުޅުވައިދެއްވައިފިއެވެ.
ސަރުކާރުން، އަމިއްލަ ފަރާތަކާއި ޙަވާލުކުރައްވައިގެން ޒަމާނީ ފެންވަރަށް ބަރުބަރީ މިސްކިތް ތަރައްޤީކުރައްވާފައި ވަނީ 3 ފަންގިފިލާގެ މިސްކިތެއްގެ ގޮތުގައެވެ. މިއީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސްގެ އަރިހުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ މިސްކިތުގެ އެކި ސަރަޙައްދުތައް ބަލައްވާލައްވާފައެވެ.
ރައީސް އޮފީހުން ބުނީ ހިލޭ އެހީގެ ދަށުން މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކޮށް ތަރައްޤީކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އެކި ރަށްރަށުގައި ބިނާ ކޮށްފައިވާ ބައެއް މިސްކިތްތައް މި ރޯދަމަހާ ދިމާކޮށްވެސް ވަނީ ހުޅުވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




