އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސްގެ އޮފީހުން ހުޅުވާލުމާއި ގުޅިގެން ނަން ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ރައީސްއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވެވީ، އަލްއުސްތާޒު ރިފްއަތު އަބްދުﷲގެ ނަމެވެ.
ރައީސް ފޮނުއްވި ގޮތަށް ރިފްއަތު އެ މަގާމަށް އައްޔަން ކުރަން އިއްޔެ ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ އެ ރިޕޯޓަށް ވޯޓަށް އެހުމެވެ.
އެ ރިޕޯޓަށް ވޯޓަށް އެހުމުން، ރިފްއަތު އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ 58 ވޯޓުންނެވެ.
ރިފްއަތު 2017 އިން 2019އާ ދެމެދު އީސީގެ ލީގަލް ޑިޕާޓްމަންޓްގައި އޭނާ މަސައްކަތް ކުރެއްވި އެވެ. އެ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވާފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި، ކޮމިޝަނުގެ ނާއިބު ރައީސް، އަބްދުއްރަޙްމާން ސަލާހު ރަޝީދު އަދި މެންބަރު ހަސަން ޒަކަރިއްޔާގެ އިތުރުން މެންބަރު އަބްދުލްހަސީބު އިސްމާއީލް އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




