ބާޒަރުމަތީ މަގު ފުޅާކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަގުގެ 9 ވަނަ ދުވަހުއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދަވަނަ ފިޔަވަހީގައި މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް އެއްގަމު ތޮށި ބޭރަށް ޖައްސައި މަގު ފުޅާކޮށް މަގު ހަތަރު ލޭނަށް ވަނީ ބޮޑުކޮށްފައެވެ. މި މަސައްކަތުގެ ދަށުން 260 މީޓަރުގެ ސަރަހައްދެއް ވަނީ ޝީޓް ޕައިލްކޮށް ބިން ވަނީ ހިއްކާފައެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި ކޭބަލް ޖަންކްޝަންތަކުގެ އިތުރުން ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އެމްޓީސީސީން ބުނީ ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މި މަސައްކަތް ނިމުމުން މި ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


