ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހަޅާ އޮފީސް ނުވަތަ "ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯ"ގެ ނަމުގައި 24 ގަޑިއިރު ޚިދްމަތް ދޭނޭ އޮފީހެއް، ރައީސް އޮފީހުގައި ޤާއިމުކުރަން ނިންމަވާފައިވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މިގޮތުން ރައީސް ވިދާޅުވީ މި ބިޔުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް މެސެޖިންގ ޕްލެޓްފޯމް، ފޯނު، ސޯޝަލް މީޑިއާގެ ވަސީލަތްތައް ފަދަ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުން ކަމަށެވެ.
މީގެ އިތުރުން، މި މަރުކަޒުގައި ކޮމްޕްލެއިންޓްސް މެނޭޖްކުރާނެ، އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ސްޓޭޓް އޮފް ދި އާޓް-އޮޓޮމޭޓެޑް ޑިޖިޓަލް ސިސްޓަމެއް ޤާއިމުކުރެވިގެންދާނެ ކަމަށާއި، އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ސަރުކާރަށް ހުށަހެޅޭ ހުރިހާ ޝަކުވާތައް، މި ސިސްޓަމްގެ ތެރެއިން ރެކޯޑްކޮށް، ކޮންމެ ޝަކުވާއަކަށް ޓިކެޓް ރެއިޒްކޮށް، ކޮންމެ ޝަކުވާއަކަށް ޖަވާބު ދެވެންދެން މައްސަލަ ކުރިއަށްދާގޮތް، ސިސްޓަމް މެދުވެރިކޮށް ޓްރެކް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ބިޔުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ޤާއިމުކުރާނަން. އަދި އެއާއެކު، ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް މެނޭޖްކޮށް، އެ ޝަކުވާތަކަށް ޖަވާބު ދިނުމަށް، ސަރުކާރުގެ ވަކިވަކި އިދާރާތަކުގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ ޑިޖިޓަލް ސިސްޓަމް ބޭނުންކުރާގޮތަށް ހަމަޖައްސައި، ސަރުކާރުގެ ހުރިހާ އިދާރާތަކަށް ހުށަހެޅޭ ޝަކުވާތައް "ވަން ސިންގަލް ކޮމްޕްލެއިންޓްސް މެނޭޖްމަންޓް މެކޭނިޒަމް"ގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ"، ރައީސް ވިދާޅުވިއެވެ.
އަދި އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވަކިވަކި އިދާރާތަކަށް ހުށަހެޅޭ ޝަކުވާތަކާމެދު އެ އިދާރާތަކުން ޢަމަލުކޮށް ޖަވާބުދެމުންދާގޮތް މޮނިޓަރކޮށް، އެ އިދާރާތައް ޒިންމާދާރުކުރުވައި، އެކައުންޓަބަލް ކުރުވާ އޯވަރއަރޗިންގ އިދާރާއެއްގެ ގޮތުގައި، "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ހަރަކާތްތެރިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި ބިއުރޯގައި މަސައްކަތް ކުރާނޭ މުވައްޒަފުން ހޯދުމުގައި، އިތުރު ގިނަ މުވައްޒަފުންތަކެއް ހޯދުމުގެ ބަދަލުގައި ރައީސް އޮފީހާއި، ސަރުކާރުގެ އެކިއެކި އިދާރާތަކުގައި މިހާރުވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން، ކަމަށް އެކަށީގެންވާ މުވައްޒަފުން ބަދަލުކޮށް، ކަމާގުޅޭ ތަމްރީނުދީ، މަސައްކަތަށް ފުރިހަމައަށް ތައްޔާރުކުރުމަށް ނިންމާފައި ވާނެ ކަމަށެވެ.
"މި އިދާރާ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި ޤާއިމުކޮށް، ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާނަން"، ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


