ތިރީހަށް ވުރެ ގިނަ އަހަރު ފަހުން، މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ ބޭރުގެ އާގުބޯޓުފަހަރަށް މެދުކެނޑުމެއް ނެތި ވަދެވޭ ގޮތް މިއަދު ހަދައިފިއެވެ.
މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 26 ޖަނަވަރީ ވާ ހޯމަ ދުވަހުން ފެށިގެން 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ. މިއީ 1988ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިޤްތިޞާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
މި އައު ބަދަލާއެކު، އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑުގެ މިންގަނޑުތަކާ އެއްގޮތަށް ދޭންޖެހޭ ހުއްދަތަކާއި ޕައިލޮޓޭޖްގެ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެއެވެ. މީގެ ސަބަބުން ބޯޓުފަހަރު ދުއްވާ ފަރާތްތަކުން ބޭރުގައި މަޑުކުރަންޖެހުމުން ކުރިން ހިނގާ އިތުރު ޚަރަދުތައް ސަލާމަތްވެ، ވަގުތު ސަލާމަތްކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


