މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް އަންނަ ރަމަޟާން މަހުގެކުރިން ހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.
ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ ބަރުބަރީ މިސްކިތުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށެވެ. އަދި އަންނަ ރަމަޟާން މަހުކުރިން އެ މިސްކިތް ހުޅުވާ، ރަމަޟާންމަހު އެތަނުގައި ނަމާދުކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
3 ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ވަނީ ނިންމާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


