ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް މިދިޔަ މަހު އަލުން ހުޅުވި ފަހުން ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް އެ އެއާޕޯޓަށް މިއަދު ޖައްސައިފި އެވެ.
އެނގިފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓަށް މިއަދު ހެނދުނު ޖެއްސި ޖެޓަކީ ހއ. އަތޮޅުގައި އޮންނަ ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އަށް ޗުއްޓީ ހޭދަކުރުމަށް ޓޫރިސްޓުން ގޮވައިގެން ދިޔަ ޖެޓެކެވެ. ޗެކް ރިޕަބްލިކްގެ ވެރިރަށް ޕެރާގުން ފުރައިގެން ހަނިމާދޫ އެއާޕޯޓަށް ދިޔަ އެ ޖެޓުގައި އަށް ޓޫރިސްޓަކު ތިއްބެވެ.
މީގެ ކުރިން ބައެއް ޖެޓުތައް ތެޔޮއެޅުމަށް ހަނިމާދޫއަށް ޖެއްސިނަމަވެސް މިހާތަނަށް ފަސިންޖަރުންނާއެކު ޖެޓެއް އެ އެއާޕޯޓަކަށް ޖައްސާފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދު ޖެއްސި ޖެޓަކީ ހައިޑަވޭ ބީޗް އެންޑް ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ގެސްޓުން ގޮވައިގެން އައި ޖެޓެކެވެ. އެ ޖެޓުގައި 8 ފަތުރުވެރިން ތިބިކަމަށް ހަނިމާދޫ އެއަޕޯޓުން މަޢުލޫމާތުދެއްވައެވެ.
މި ޖެޓު އައިސްފައިވަނީ ޕެރާގުން ފުރައިގެން ސީދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އާއަހަރާ ދިމާކޮށް އައި މި ޖެޓުގައި އެ އެއާޕޯޓުގައި ބޭއްވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ޖެޓަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް ހަނިމާދޫ އެއާޕޯޓުން ދެމުން ގެންދާނެއެވެ. ހަނިމާދޫ އެއާޕޯޓު ތަރައްޤީކޮށްފައިވަނީ 15 ޖެޓަށް ޕާކުކޮށްފައި ބޭއްވޭނެ ގޮތަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


