ހުރިހާ ބާވަތެއްގެ މަސްވެރިންގެ ކަންބޮޑުވުންތަކަށްވެސް މިސަރުކާރުން މައުނަވީ ހައްލެއް ހޯދައިދެއްވާނެ ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުންފުނިތަކަށް ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ދިގުލައިގެންދާ މައްސަލައާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދައްވާ މައްސަލަކަމަށެވެ.
މިކަންކަން ޙައްލުކުރުމަށް ކަންނެލިމަހުގެ ވިޔަފާރީގައި ސަރުކާރުގެ ދަޢުރު ފުޅާކުރުމަށާއި، ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށް ވެފައިވާ ވަޢުދު ވީހާވެސް އަވަހަށް ތަންފީޒުކުރެއްވުމަށް ބޮޑުކަންނެލި މަސްވެރިން ހުށައަޅާކަން މަސްވެރިކަމާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ޤާއިމުކުރާ ފެސިލިޓީގެ ޢަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެތެރޭގައި ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންއަންނަ ކަމަށެވެ.
ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސްގެ ޚާއްސަ އިރުޝާދާއެކު މާލެ ސަރަޙައްދުގައި ތެލަށް ހެޔޮ ބަދަލެއް ގެނެވި، މިފްކޯއިން މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ އަގުތަކަށް މިދިޔަ އަހަރު ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




