އައްޑޫ ސިޓީގައި ވިހެއުމުގެ ތެރޭގައި ދިމާވި ކުއްލި ހާލަތާ ގުޅިގެން ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން އަންހެނަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ކަމެއް ކަމަށެވެ. އަދި އެ އަންހެން މީހާއަށް ޝަހީދެއްގެ ދަރަޖަ މާތްﷲ ގެ ހަޟްރަތުގައި ދެއްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތް ލެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން އަންހެން ބޭކަނބަލަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް އަޅުގަނޑަށް ކުރުވި ކަމެއް.
އައްޑޫ ސިޓީ ކައުންސިލްގައި ޚިދުމަތް ކުރައްވަމުން ގެންދެވި،… pic.twitter.com/tmtouHuj8Q
— Dr Mohamed Muizzu (@MMuizzu) November 25, 2025
މީގެ އިތުރުން އުފަންވި ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުމަށާއި މަރުޙޫމާގެ އާއިލާއަށް ޖެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވާފައެވެ.
އައްޑޫ ސިޓީގައި އިއްޔެ ވިހެއުމުގެ ތެރޭގައި ނިޔާވެފައިވަނީ އައްޑޫ ސިޓީ ކައުންސިލްގައި މަސައްކަތް ކުރަމުންދިޔަ ޢާއިޝަތު ނަޒާހަތު އަޙްމަދެވެ. އޭނާ ނިޔާވީ އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރުގައި ވިހެއުމަށް އެޑްމިޓްކޮށްފައި އޮތްވާ ހާލު ސީރިއަސްވެގެން ކަމަށް މައުލޫމާތު ލިބެއެވެ.
އައިއެމްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވިހެއުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ މާބަނޑު މީހާ އިއްޔެ ހެނދުނު ވިއްސަން ޝެޑިއުލްކޮށްފައި ވަނިކޮށް އާދީއްތަ ދުވަހުގެ ރޭ ފަތިހު ކުއްލިއަކަށް ހާލު ގޯސްވީ ކަމަށެވެ. ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި އެ މީހާގެ ހާލު އެ ހާދިސާއާ ހަމައަށް ވެސް ރަނގަޅު ކަމަށާއި ހާލު ގޯސްވާން ފެށިއިރު ބަލި މީހާގެ ފަރާތުން ފެނުނީ ކުރިން ނުފެންނަ ހާލަތެއްކަމުން ވަގުތުން އިމަޖެންސީގައި ފަރުވާދޭން ފެށި ކަމަށްވެސް ބުންޏެވެ.
އައިއެމްޑީސީން ބުނީ އެ މައްސަލަ ސިއްޙީ ވުޒާރާއާއި ގުޅުން ހުރި އެހެން އިދާރާތަކުންވެސް ބަލަމުން އަންނަ ކަމަށާއި ތަހުގީގުތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




