ޅ. ކުރެންދޫގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރިކުރުވުމަށް 'ހިއްސާ'ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މި މަހުގެ 18ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުރެންދޫ ކައުންސިލު ރައީސް އިސްމާއިލް މަދީހުއެވެ. މި ރަސްމިއްޔާތުގައި ޅ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާދަމް އާއި ޅ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި އެހެނިހެން ފުލުހުންނާއި ކައުންސިލުގެ އެހެނިހެން މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި، ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދީފައިވެއެވެ. އަދި ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވެއެވެ.
މި މަހުގެ 6 އިން 18އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޅ. އަތޮޅު ޕޮލިހާއި ކުރެންދޫ ޕޮލިސް ސްޓޭޝަނާއި އެ ރަށު ކައުންސިލު ގުޅިގެންނެވެ. މި ޕްރޮގްރާމްގައި 30 މީހުން ބައިވެރިވިއެވެ.
މި ޕްރޮގްރާމަކީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ހެދުމަށްޓަކައި ހިންގި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކޮށް، ކުރެންދޫގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި މަގުތަކެއް ކަން ކަށަވަރުކުރުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި ކުރެންދޫގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މި ޕްރޮގްރާމްގެ ތެރެއިން މަސައްކަތްކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ސަބަބުން ކުރެންދޫގެ މަގުތައް އިތުރަށް އަމާންވެ، ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް