ސައޫދީ އަރަބިއްޔާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިރާދަކުރެއްވިއްޔާ ދުވަހެއް ދުވަހަކަށް ދަނީ ވަރުގަދަވަމުންކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުވެވަޑައިގެންފައިވާއިރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ރާއްޖެއާއި ސަޢޫދީއާއި އޮތް ގުޅުން އިރާދުކުރެއްވިއްޔާ މިއަދު ވެސް އޮތީ ވަރުގަދަކޮށް ކަމަށާއި ރާއްޖެ އާއި ސައޫދީ އަރަބިއްޔާ އަދި މެދުއިރުމަތީގެ އިސްލާމީ ގައުމުތަކާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސައުދީ އަރަބިއްޔާގެ ގުޅުން އެއްކަމަކަށް ވަރަށް ވަރުގަދަ. ސައުދީގެ އެހީތެރިކަން ވަރަށް ވަރުގަދަ. އަދި ދުވަހެއް ދުވަހަކަށް ދަނީ ވަރުގަދަ ވަމުން، " މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މަޝްރޫތަކުގައި ވަރަށް ޚާއްސަ ޝާމިލްކަމެއް ސައުދީ އަރަބިއްޔާގެ ފަރާތުން އޮންނަ ކަމަށެވެ. އެގޮތުން ސައުދީ ސަރުކާރާއި ސައުދީ ފަންޑު މެދުވެރިކޮށް ވަރަށް ޚާއްސަ ސަމާލުކަމެއް ރާއްޖޭގެ ތަރައްގީއަށް ދީގެން މަސައްކަތް ކުރައްވާކަން މިނިސްޓަރު ޚަލީލް ހާމަކުރެއްވިއެވެ.
އެގޮތުން އެއާޕޯޓްގެ ޓާމިނަލަށް ސައުދީ ފަންޑުން ހޭދަކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާ ހިސާބަށް އައިރު ސައުދީގެ އެކިއެކި މަންދޫބުންނާއެކު ބޭއްވި ބައްދަލުވުންތަކާ އެ ގައުމަށް ކުރެވުނު ދަތުރުތަކަށް ބަލާއިރު އެ ގައުމުގެ އިސްވެރިން ހަ ފަހަރު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖެއިން މިހާތަނަށް ހަތް ފަހަރު ސައުދީއަށް ގޮސް އެގައުމުގެ އިސް ބޭފުޅުންނާ ބައްދަލުކުރުންތައް ބާއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި ސައުދީ އަރަބިއްޔާ އާ ދެމެދު އޮތް ގުޅުމަކީ އަޚުވަންތަ އިސްލާމީ ނަމޫމާގެ ތެރެއިން ކުރިއަށްދާ ގުޅުމެއް ކަމަށެވެ. މިނިސްޓަރު ޚަލީލްގެ ވާހަކައިގައި ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ކުރީކޮޅު ސައޫދީ ސަރުކާރުން އެހީދިން ކަން ވެސް ފާހަގަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް