މިއަހަރުގެ ނިޔަލަށް، ވިލިމާލޭ ހޮސްޕިޓަލުގެ ވަގުތީ އިމާރާތުގެ ސެޓަޕްގެ މަސައްކަތް ނިމި ހިދުމަތްތައް ދޭން ފެށޭނެ ކަމަަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސީއީއޯ ހަލީމް ވިދާޅުވީ، މި މަޝްރޫޢުގެ ފީސިބިލިޓީގެ މަސައްކަތް ނިމި މިހާރު އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ހޮސްޕިޓަލު ހުރި ބިމާއި ވަށައިގެންވާ ސަރަޙައްދުވެސް ހިމެނޭހެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.
”އަޅުގަނޑުމެން ކުރާ މަސައްކަތަކީ ވިލިމާލޭގައި މިހޮސްޕިޓަލު ހެދުމަށް މިހާރު ހުރި ހޮސްޕިޓަލް ތަޅާލުމަށްފަހުވެސް ވިލިމާލޭގައި ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން. މިގޮތުން ހޮސްޕިޓަލް ސެޓަޕް ޤާއިމުކުރުމަށް އަޅުގަނޑުމެނަށް ކުރީގެ ކުޑަކުދިންގެ ހިޔާ ހުރި ދެޢިމާރަތުގެ ތެރެއިން އެއް ޢިމާރާތާއި ވަށައިގެންވާ ބިންވަނީ ހަމަޖައްސަވާދެއްވާފައި.“ ހަލީމް ވިދާޅުވިއެވެ.
ވިލިމާލޭ ހޮސްޕިޓަލުގެ ވަގުތީ އިމާރާތާބެހޭ ކުރެހުންތަކުގެ މަސައްކަތް ވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން ހަލީމް ވިދާޅުވީ، ކުޑަކުދިންގެ ހިޔާ ހުރި އެ އިމާރާތުގެ އިންޓީރިއާއަށް ގެނަންޖެހެނީ ކޮންކަހަލަ ބަދަލުތަކެއްކަން ދެނެގަނެ އެތަނުގެ ފްލޯ ޕްލޭނާއި އީއާރް ޤައިމުކުރުމުގެ ޕްލޭނިންގ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވިލިމާލޭ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ކުރީގެ ކުޑަކުދިންގެ ހިޔާހުރި އިމާރާތައް އެ ހޮސްޕިޓަލުގެ ހިދުމަތްތައް ވަގުތީގޮތުން ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
އެގޮތުން 100 އެނދު ހިމެނޭނެ ވިލިމާލެ ހޮސްޕިޓަލުގެ އައު އިމާރާތް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. އެ ހޮސްޕިޓަލުގެ އިމާރާތާއި އަދި ވަސީލަތް ގާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ވެސް ކުރާނީ ޗައިނާ ސަރުކާރުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް