މީގެ 8 އަހަރު ކުރިން ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާ ބަދަލުކޮށް، މައިޒާނުތަކާއި ކުޅިވަރު ކުޅޭ ތަންތަން ހެދުމަށްޓަކައި މުސްލިމުންގެ ގަަބުރުސްތާނުތައް ހުސްކޮށް މިނިކަށި ނެގުން ހުއްދަނުވާނެ ކަމަަށް އެ މަޖިލީހުން ފަތުވާދީ ނިންމައިފިއެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ފަތުވާ މަޖިލީހުން ފާސްކުރި ”މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމް“ އެ މަޖިލީހުގެ ވެބްސައިޓުގައި މިއަދު އާއްމުކޮށްފައިވާއިރު، އެ ނިންމުމުގައި ބުނެފައިވަނީ އިސްލާމްދީނުގައި އިންސާނުން ގިނަ މަހުލޫގުންތަކެއްގެ މައްޗަަށް މާތްކުރައްވައި މަތިވެރިކުރައްވާފައިވާކަން އަލްއިސްރާ ސޫރަތުގެ 70 ވަނަ އާޔަތުން އެނގޭ ކަމަށާއި އަދި އިންސާނުންނަަށް މާތްﷲ ދެއްވި މި މަތިވެރިކަން މުސްލިމުންގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކާ މުއާމަަލާތްކުރުމުގައި ދަމަހައްޓަން ނަބަވީ އިރުޝާދުގައި އަމުރުކުރައްވާފައިވާކަމަށެވެ.
އަދި މުސްލިމުންނަށް ލިބިފައިވާ މި މަތިވެރިކަމަކީ އޭނާ ދިރިހުރުމާ ގުޅުންހުރި ކަމެއް ނޫންކަމަށާއި، މަރުވުމަށްފަހުވެސް އެ އިހުތިރާމު ދެމިއޮންނާނެ ކަމުގައި ފާހަގަކޮށް އެކަމުގެ މައްޗަށް ސަލާމާއި ޞަލަވާތް ލެއްވުނު މާތް ނަބިއްޔާގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅަކުން ދަލީލު ދައްކާފައިވެއެވެ.
މީގެ އިތުރުން އެ ފަތުވާގައި ބުނެފައިވަނީ ގަބުރުސްތާނު ކޮނެ އެތަނުގައި ހުރި ކަށިތައް ނަގައި އެހެން ތަންތަނަށް ބަދަލުކުރުމަކީ ވަޅުލާފައިވާ މީހުންގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށެވެ. އެގޮތުން ގަބުރެއްގެ މަތީގައި އިށީނުމުގެ ނުބައިކަން ބަޔާންކުރައްވައި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅަކުން އެކަމުގެ މައްޗަށް ފަތުވާގައި ދަލީލު ދައްކާފައިވެއެވެ. އެއަށްފަހު މުސްލިމެއްގެ ގަބުރުމަތީ ހިނގުމާމެދު އިންޒާރުކުރައްވާ ހަދީސް ބަސްފުޅަކާއި، ގަބުރުގައި ލެނގިގެން ނުއިނުމަށް އަމުރުކުރެއްވި ބަސްފުޅެއްވެސް ދަލީލުގެ ގޮތުގައި އެ ފަތުވާގައި ގެނެސްފައިވެއެވެ.
އެ ދަލީލުތަކުގެ އަލީގައި ފަތުވާ މަޖިލީހުން ބުނެފައިވަނީ ގަބުރުތަކުގެ ހުރުމަތް ކެނޑުމަކީ އިސްލާމީ ޝަަރީއަތުގައި ގިނަ ވައީދުގެ ބަސްފުޅުތައް އައިސްފައިވާ ކަމަކަށްވާތީ، ކުޅިވަރުކުޅޭ ތަންތަނާއި، ހިތްފަސޭހަ މައިޒާންތައް ފަދަ ތަންތަން ހެެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވައިލުން ނުވަތަ ނެގުން ހުއްދަނުވާނެ ކަމަށެވެ.
މި ފަތުވާ ނެރެފައިވާއިރު މާފަންނު ސަހަރާ މި ފަހުން ހުސްކުރުމަށް ފަހު އެ ތަނުގައި ޕާކިން ޒޯނެއްގެ އިތުރުން، ބާސްކެޓު ކޯޓެއް ވެސް ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އަދި، ގަލޮޅު ސަހަރާގެ ބައެއް ހުސްކޮށްގެން ވެސް ގިނަ ބަދަލުތަކެއް އެބަ ގެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް