ޓްރެފިކް މޮނިޓަރުން މަގުމަތީގައި ނަމޫނާ ދައްކާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ، ށ. މިލަންދޫގައި ބޭއްވި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގެ 115 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމުގެ މުހިންމުކަމަށް އަލިއަޅުއްވައި ލައްވަމުން ސީޕީ ވިދާޅުވީ،
ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށް، އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ފެށިފައިވާ ޕްރޮގްރާމެއް ކަމަށެވެ. މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރެވޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައިކަން ފާހަގަކުރައްވަމުން، މިހާތަނަށް 3628 ދަރިވަރުން މި ޕްރޮގްރާމްގެ ދަށުން ތަމްރީން ކުރެވިފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ފާހަގަކުރެއްވިއެވެ.
އަދި މިއީ ފުލުހުންނާއި ގުޅިގެން ސްކޫލް ކުދިންނަށް ހިންގޭ އެކްސްޓްރާކަރިކިއުލަރ އެކްޓިވިޓީއެއްގެ ގޮތުގައި ފެއްޓެވި ޕްރޮގްރާމެއް ކަމަށާއި އޭރު ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެކަންކަން މަޝްވަރާކޮށް ވާހަކަ ދައްކައިގެން ހައްލުކުރެވި، މިއަދު މި ޕްރޮގްރާމް މިވަނީ ކާމިޔާބު ޕްރޮގްރާމަކަށް ވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ކުދިން މިއަދުން ފެއްޓިގެން ދައްކާނީ ނަމޫނާ. ރައްޓެހިންނަށް، ކުދިބޮޑު އެންމެނަށް، އާއިލާ މީހުންނަށް، އަދި ރަށަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް. ސްކޫލު ވަގުތު، ޓްރެފިކް މޮނީޓަރުން ސްކޫލުން ހަމަޖައްސަވާ ފަރާތްތަކާއެކު އެއީ ކޯޑިނޭޓަރުންނާއި ޓީޗަރުންނާ އެކު އަދި ފުލުހުންގެ އެހީތެރިކަމާ އެކު ސްކޫލަށް އަންނަ މިކުދިންގެ ރައްޓެހިން ކްލާސްމޭޓުން އަދި އެކުގައި ކިޔަވާ ހުރިހާ ކުދިންނަށް ނަމޫނާ ދައްކާނެ،" ކޮމިޝަނަރ ވިދާޅުވިއެވެ.
އަދި މަގުގައި ދުއްވާ ފަރާތްތަކާއި ހިނގައިބިނގާވާ ހުރިހާ ފަރާތަކަށް އިރުޝާދު ދިނުމާއި، ޒިބްރާކުރޮސިންއިން މަގު ހުރަސްކުރާ ފަރާތްތަކަށް ތަން ދެއްކުމާއި، ސްކޫލްގެ ގޭޓު ކައިރީގައި ޕާކް ނުކުރުމަށް ނަސޭހަތްތެރިވުން ފަދަ ކަންކަން މިކުދިން ކުރާނެކަންވެސް ކޮމިޝަނަރ ނަވީން ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމަކީ، އިސްނަގައި ރިވެތި ބަހުން މުޢާމަލާތްކޮށް ޒިންމާދާރު އަދި ބަސްއަހާ ޒުވާނުންތަކެއް ބިނާކުރުމަށް ކޮށޭ މަގެއް ކަމަށާއި، ބެލެނިވެރިން މިކުދިންނަށް ހިތްވަރު ދެއްވުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، މި ޕްރޮގްރާމް މިހާ ފުރިހަމަކޮށް ބޭއްވުމަށް އެހީތެރިވެދެއްވި ށ. އަތޮޅު ކައުންސިލާއި މިލަންދޫ ކައުންސިލާއި ރައްޔިތުންނަށް، އަދި ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލްގެ ސީނިއަރ މެނޭޖްމަންޓަށް ޝުކުރު ދަންނަވާފައެވެ. އޭގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުން މި ޕްރޮގްރާމް ހިންގާ ބަހާތަކަށް، ޚާއްޞަކޮށް މާލެ ސިޓީ ޕޮލިސް، ޓްރެފިކް ޕޮލިސް އަދި އަޕޯ ނޯތު ޕޮލިސް ރީޖަނަލް ކޮމާންޑަރަށް ޚާއްސަ ޝުކުރެއް ދަންނަވައި، ސަރުކާރުގެ ވުޒާރާތަކުންނާއި މުއައްސަސާތަކުން ފުލުހުންގެ ޚިދުމަތަށް ދެއްވާ އެއްބާރުލުމަށް ވެސް ޝުކުރުއަދާކުރެއްވިއެވެ. އަދި މިނިސްޓަރ ޢަލީ އިހުސާނަށް ވެސް ކޮމިޝަނަރ ނަވީންގެ އިޚްލާޞްތެރި ޝުކުރު އަދާކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ ވާހަކަފުޅު ނިންމަވައި ލެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.
މިލަންދޫ ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާސިމް ޢަބްދުﷲ، އަޕަނޯތު ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ، މިލަންދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޢަބްދުލް ޙަލީލް މުޙައްމަދު، ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް އަދި މިލަންދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޢާޠިފްގެ އިތުރުން ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ އިސްވެރިންނާއި މުވައްޒަފުން އަދި މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް