ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަވަހަށް ނިންމަނީ އެއަށްވުރެން އުފެއްދުންތެރި އެހެން މަސައްކަތްތަކަށް ޖާގަ ދެއްވުމަށް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެގޮތުން މިއަދުގެ ޖަލްސާ 10:30 ގައި ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ސިޔާސީ ހިޔާލު ތަފާތުވުންތައް ކިތަންމެ ބޮޑުވިޔަސް މެމްބަރަކު އެބޭފުޅެއްގެ އަމިއްލައަށް އަގު ވެއްޓޭ ކަހަލަ ވާހަކަ މަޖިލީހުގެ ތަޅުމުގައި ދައްކަވައިގެން ނުވާނެ ކަމަށެވެ.
"މަޖިލީހުގެ ޖަލްސާ 10:30 ގައި ނިމިގެންދާއިރު ކޮމިޓީގެ މަސައްކަތްތައް ބަރާބަރަށް ހިނގަމުން އަންނަކަން އެއީ އެންމެން ދަންނަ ހަގީގަތެއް، މިއަދަށް ވެސް ކޮމިޓީތައް ތާވަލް ކުރެވިފައި އެބަހުރި، އެ މެމްބަރުން ކޮމިޓީތަކުގައި އުޅުއްވާނެ" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ޖަލްސާ ނިމުމުން ބައެއް މެމްބަރުން ގެއަށް ވަޑައިގަތަސް، ހުރިހާ މެމްބަރުން 10:30 ގައި ގެއަށް ވަޑައިގަތް ކަމަށް ކަނޑަނޭޅުއްވޭނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މިއަދަށް ވެސް މަޖިލީހުގެ ކޮމިޓީތައް އެބަހުރި 11:30 އިން ފެށިގެން ތާވަލުކުރެވިފައި. އެ މެމްބަރުން މިތާ އުޅުއްވާނެ. ބައެއް މެމްބަރުން ގެއަށް ވަޑައިގެންނެވުމަކީ ހުރިހާ މެމްބަރުން ގެއަށް ވަޑައިގަންނަވާ ވަޑައިގެންނެވުމަކަށް ނުވާނެ. ތި ހުރިހާ ބޭފުޅުން އެބަ ވިދާޅުވޭ، ކޮމިޓީތަކުގައޭ މަޖިލީހުގެ މުހިންމު މަސައްކަތްތަކެއް ކުރަނީ. އެހެންވީމަ ކޮމިޓީތަކުގައި މަސައްކަތްތައް އެބަ ހިނގާ. ކޮންމެ ދުވަހަކު ވެސް" އަބުދުރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، މަޖިލީހުގައި މަސައްކަތްތައް ނުހިނގާކަމަށް އިދިކޮޅު ބައެއް މެމްބަރުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. އެގޮތުން، މިދިޔަ 19 ވަނަ މަޖިލީހަށްވުރެން ގިނަ މަސައްކަތްތައް 20 ވަނަ މަޖިލީހުން ކުރި ކަމަށާއި މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް 20 ވަނަ މަޖިލީހުން 38 ފާސްކޮށްފައިވާއިރު 19 ވަނަ މަޖިލީހުން ފާސްކުރީ 27 ބިލް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ހަމައެއާއެކު މެންދުރު 2 ޖަހަންދެން ތަޅުމުގައި ކުރާ މަސައްކަތަށްވުރެން ކޮމިޓީގައި ހިނގާ މަސައްކަތްތައް މުހިންމު ކަމަށާއި އަދި ކޮމިޓީގެ މަސައްކަތްތައް ދާ ބާރު މިނަކުން އުފެއްދުންތެރި ހަގީގީ މަސައްކަތްތައް ކުރެވޭކަން ރައްޔިތުންނަށް ދެއްކޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް