އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީއާއި ތަރައްޤީއާބެހޭ ފޯރަމްގެ ޒުވާނުން ބިނާކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުމުގެ ޖަލްސާ ރާއްޖޭގައި އިފްތިތާޙުކޮށްފިއެވެ.
މި ޖަލްސާ އިފްތިތާޙުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމްއެވެ.
ދެކުނު އޭޝިއާ ސަރަހައްދުގައި އަންހެނުން ބާރުވެރިކޮށް ޒުވާނުން ކުރިމަގަށް ތައްޔާރު ކުރުމާބެހޭ މައުޟޫއަށް ރާއްޖޭގައި ބާއްވާ ދެ ދުވަހުގެ ބައްދަލުވުން އިފްތިތާޙުކޮށްދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވީ، އާބާދީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާ ކުރިމަތިލުމަށް، އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށްޓަކައި ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލަންޖެހޭކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކޮންފަރެންސްގެ މަންދޫބުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އޮނަރަބަލް ނާޡިމްވަނީ 2014 ވަނަ އަހަރުގެ ބޯހިމެނުމާ ހަވާލާދެއްވަމުން ރާއްޖޭގެ އާބާދީ ތަރައްޤީވަމުން އަންނަ ގޮތުގެ ތަޞައްވަރެއް ހުށަހަޅުއްވައިދެއްވާފައެވެ.
ރާއްޖޭގެ އާބާދީ، 2054 ވަނަ އަހަރުގެ ނިޔަލަށް އެއް މިލިއަނާ ގާތްކުރާނެކަމަށް ލަފާކުރެވޭއިރު، އާބާދީގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭނީ މާލެ ސަރަހައްދުގައެވެ. އަދި، އާބާދީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ހަރުދަނާ ޞިއްޙީ ފަރުވާއާއި، ނަފްސާނީ ޞިއްޙަތަށް ސަމާލުކަންދިނުމާއި، މިންތީގެ ހަމަހަމަކަމާ ގުޅޭ ސިޔާސަތުތަކެއް އެކަށައެޅުމުގެ ބޭނުންތެރިކަމަށްވެސް އޮނަރަބަލް ނާޡިމްވަނީ އަލިއަޅުއްވާލައްވާފައެވެ.
"ރާއްޖޭގެ އިންސާނީ ރައުސްމާލަށް ރާއްޖޭގެ ތަރައްޤީ ދެމެހެއްޓޭނެއެވެ. އެކަން ދެމެހެއްޓެނެވިގޮތެއްގައި ކުރިއަށް ގެންދިއުމަށް އިންސާނީ ރައުސުމާލަށް އިންވެސްޓްކުރަންޖެހެއެވެ. ޒުވާނުން، ވަކިން ޚާއްޞަކޮށް ޒުވާން އަންހެނުންނަށް ތަޢުލީމާއި ހުނަރާއި ލީޑާޝިޕްގެ ދައުރު ފަހިކޮށްދޭންޖެހެއެވެ." އޮނަރަބަލް ނާޡިމް ވިދާޅުވިއެވެ.
އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި މުޖުތަމަޢުގެ ހެޔޮ ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދަވާ 'ހެޕިނެސް މޯލްޑިވްސް ޕްރޮގްރާމް'އާއި އަދި އެ ޕްރޮގްރާމާ ގުޅޭ ޤައުމީ ހެޕިނެސް އިންޑެކްސްއަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސިޔާސަތުތަކަކީ، މިންތީގެ ހަމަހަމަކަން ދެމެހެއްޓުމާއެކު، ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އިޖުތިމާޢީ ދުޅަހެޔޮކަން ބައްޓަން ކުރެއްވުމަށް މުހިންމުކަން ދެއްވާކަމުގެ ހެއްކެއްކަމަށް ވިދާޅުވިއެވެ.
އޮނަރަބަލް އަޙްމަދު ނާޡިމްގެ ވާހަކަފުޅުގައި މަޖިލިސް މެމްބަރުންގެ ސަމާލުކަމަށް ޚާއްސަ މައްސަލައެއްވެސް ހުށަހެޅުއްވިއެވެ.
"އަޅުގަނޑުމެންގެ އެންމެ ތޫނުފިލި ސިކުނޑިތަކުގެ ތެރެއިން ގިނަ ބަޔަކު ރާއްޖެއިން ބޭރުގައި ރަނގަޅު ފުރުސަތުތައް ހޯދަމުން ގެންދާއިރު، އަޅުގަނޑުމެންގެ ޤައުމުގެ އިންސާނީ ރައުސުލްމާލު ހުސްވަމުންދާ މައްސަލައަކީ މިވަގުތު އަޅުގަނޑުމެންނާ ދިމާވެފައިވާ މުހިންމު ގޮންޖެހުމެއް. މިކަން ހައްލު ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމާއި ވަޒީފާގެ ފުރުސަތުތަކާއި މާޙައުލާއި، އިޤްތިޞާދީ ނިޒާމުތައް އިސްލާހުކުރަންވަނީ ޖެހިފައި. އަޅުގަނޑުމެންގެ އެންމެ ހުނަރުވެރި ސިކުނޑިތައް ޤައުމުގައި ހިފެހެއްޓުމަށްޓަކައި އެފަރާތްތަކުން ޝައުޤުވެރިވާފަދަ މާޙައުލެއް އުފައްދައިދޭން އެބަޖެހޭ... އަޅުގަނޑުމެންގެ ޤައުމު ކުރިއަރައިގެންދާނީ، މި ސިކުނޑިތައް ޤައުމުން ބޭރުވުމުގެ ބަދަލުގައި ޤައުމުގައި ހަރުލާނެ ފަދަ މާޙައުލެއް ފަހިކޮށްދީގެން. އެކަން ކުރުމުގެ ޒިންމާއަކީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ޙައިޞިއްޔަތުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް" އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.
އޮނަރަބަލް އަޙްމަދު ނާޡިމްވަނީ، އޭއެފްޕީޕީޑީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކަށް ރާއްޖޭގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އިންތިޚާބްވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި، އެކަމުން ސާބިތުކޮށްދެނީ މިދާއިރާއިން ރާއްޖޭގެ ޒަޢާމަތީ ދައުރުކަން އޮނަރަބަލް ނާޡިމް ފާހަގަކުރެއްވިއެވެ.
ރާއްޖެއިން އިންތިޒާމުކުރާ ދެކުނު އޭޝިއާ ސަރަހައްދުގެ އަންހެނުން ބާރުވެރިކޮށް ޒުވާނުން ކުރިމަގަށް ތައްޔާރު ކުރުމާ ބެހޭ ސަބް ރީޖަނަލް ޕާލަމެންޓްރީ ބައްދަލުވުން މިއަދު އިފްތިތާޙުކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް