ކުދިންނަށް ހަދާ ކަރެކްޝަނަލް މަރުކަޒުތައް ހިންގަން ޖެހޭނެ ގަވައިދު އާންމު ކޮށްފި އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުދިން އިސްލާހުކުރަން އެކަހެރިކޮށްގެންގެން ފަރުވާ ދިނުމަށާއި ބަންދުގައި ބައިތިއްބަން ޖެހޭ ކުދިންނަށް ހަދާ ކަރެކްޝަނަލް މަރުކަޒުތައް ހިންގަން ޖެހޭނެ ގަވައިދު އާންމުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ކުރި އިއުލާނުގައިވާގޮތުން، އެ މަރުކަޒުތައް ބެހެނީ ދެ ބަޔަކަށެވެ. އެއީ:
- ޖުވެނަލް ޑިޓެންޝަން ސެންޓަރު: ދިގު މުއްދަތަކަށް ބަންދުކުރަން ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބައިތިއްބަން ހަދާ މަރުކަޒުތައް.
- ލޯންގްޓާމް ސެކިޔޯ ފެސިލިޓީ: ދިގު މުއްދަތަކަށް ބަންދުކުރަން ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްކުރާ، މުޖުތަމައުއާ އެކަހެރިކޮށްގެން ގެންގުޅެން ޖެހޭ ކުދިން ބައިތިއްބަން ހަދާ މަރުކަޒުތައް
އެ ގަވާއިދުގައި ބުނާގޮތުންނަމަ، އެ ތަންތަނަކީ ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިން، ކުޑަކުދިންނަށް ހާއްސަކޮށް ހަދާފައިވާ ތަންތަނަށް ވާން ޖެހޭއިރު އެ މަރުކަޒުތައް ހުނަން ޖެހޭނެ ގޮތާއި އެ ތަންތަނަށް ހުއްދަ ދޫކުރާނެ އުސޫލު ވެސް ބަޔާން ކޮށްފައިވެ އެވެ. އެގޮތުން އެ މަރުކަޒުގެ ޒިންމާތަކުގެ ތެރޭގައި، ކުދިންގެ ސަމާލަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން، ބަންދުކޮށްފައި ތިބޭ ކުދިންގެ އާންމު ހާލަތު ބެހެލެއްޓުން، މަރުކަޒުގައި ތިބޭ ކުދިންގެ އަމަލުތައް ބަލައި މޮނިޓާކުރުމާއި ތަނުގެ އަމާންކަން ބެލެހެއްޓުން އަދި މަރުކަޒުގައި ހަދާފައިވާ އުސޫލާ ހިލާފުވާ ކުދިންނަށް އަަޅަން ޖެހޭ ފިޔަވަޅުތައް އެޅުންފަދަ ކަންކަން ހިމެނެއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ކަންކަން ބެލެހެއްޓުމަށް ހާއްސަ ޔުނިޓެއް ގާއިމް ކުރަން ވެސް އެ ގަވާއިދުގައި ބުނާއިރު ކުދިން މަރުކަޒުތަކަށް ގެންގޮސް އަމަލު ކުރަން ޖެހޭނެ ގޮތް ވެސް ބަޔާން ކޮށްފައިވެ އެވެ. އޭގައި ކުދިންނަށް ދޭން ޖެހޭ ވަކިވަކި ހިދުމަތްތަކާއި ސިއްހީ ފަރުވާ އާއި އެ ކުދިންގެ ތައުލީމާއި އަންނައުނު އަދި ކާނާގެ އިތުރުން އާއިލީ ބައްދަލުވުންތައް ހަމަޖައްސަންވީ ގޮތުގެ ތަފްސީލުތައް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ކުކުއްޖަކު މަރުކަޒަށް ގެންގޮސްފި ނަމަ އެކަން ވެސް އާއިލާ އަށް އަންގަން ޖެހެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް