ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ށ. އަތޮޅުގައި ފަށައިފިއެވެ.
މި ޖޫން މަހުގެ 13 ވަނަ ދުވަހު މި ޕްރޮގްރާމް ފަށާފައިވަނީ ށ. ފުނަދޫގައކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމް އެވެ. މިރަސްމިއްޔާތުގައި އަޕަރ ޕޮލިސް ރީޖަން ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ އާއި މެރިން ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޙަމީދު ޔޫސުފް އާއި ށ. އަތޮޅު ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުﷲ ބައިވެރިވެލެއްވިއެވެ.
ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ސެޝަންތަކުގައި ކޮންމެ ރަށެއްގެވެސް އޮޑިވެރިންނާއި މަސްވެރިންނަށް އަމާޒުކޮށްގެން މުހިންމު މައުލޫމާތުތަކެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ށ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށާއި ރަށްރަށުގެ ސްކޫލު ދަރިވަރުންނާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ ދަށުން ފުނަދޫ، ފޯކައިދޫ، ޅައިމަގު އަދި ކޮމާންޑޫގައި ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މި ސެޝަންތަކުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ތަންފީޒް ކުރަމުންދާ ޤާނޫނު އަދި ޤަވައިދުތަކާއި، މެރިޓައިމްލޯ އެންފޯސްމަންޓް އޭޖެންސީސްތަކާއި، ސަލާމަތީ ގޮތުން ހުރުން ލާޒިމް އާލާތްތަކާއި، ހާދިސާތައް ދިމާވާ މައިގަނޑު ސަބަބުތަކާއި ކޮލީޝަން ރެގިއުލޭޝަން އާއި ރިސޯޓުތަކުގެ ފަޅުގެ ސަރަހައްދުތަކާއި ފީނުމުގައި މަނާ ސަރަހައްދު އަދި ފީނުމުގައި ސަމާލުކަން ދޭންވީ މުހިންމު ކަންކަމާއި ޖޫރިމަނާތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
ށ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ މި ޕްރޮގްރާމަކީ މެރިން ޕޮލިސް އާއި ށ. އަތޮޅު ޕޮޮލިސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް