އިންޓަރޕޯލް އިން އިސްނަގައިގެން ހިންގި "އޮޕަރޭޝަން ސެކިއުރ" ގައި ދވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ބައިވެރިވެއްޖެއެވެ.
މި އޮޕަރޭޝަނަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ އިންފްރާސްޓްރަކްޗަރ ނައްތާލުމަށް އަމާޒުކޮށްގެން ގިނަ ގައުމުތަކެއް ބައިވެރިވެގެން ހިންގުނު އޮޕަރޭޝަނެއްކަމަށާއި މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓަރޕޯލްގެ އޭޝިއާ އެންޑް ސައުތު ޕެސިފިކް ޖޮއިންޓް އޮޕަރޭޝަންސް އަގެއިންސްޓް ސައިބަރކްރައިމް (އޭއެސްޕީޖޭއޯސީ) މެދުވެރިކޮށްކަމަށް ފުލުހުން ބުނެފައިވެއެވެ.
2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން އޭޕްރިލް މަހާ ހަމައަށް ކުރިއަށް ގެންދެވުނު މި އޮޕަރޭޝަނުގައި އިންފޮމޭޝަން ސްޓީލިންގ މަލްވެއަރއާ ގުޅުންހުރި 20،000 އަށްވުރެ ގިނަ އައިޕީ އެޑްރެސްތަކާއި ޑޮމެއިންތައް ނައްތާލެވިފައިވެއެވެ.
"އިންފޮމޭޝަން ސްޓީލަރސް" އަކީ ބްރައުޒަރ ކްރެޑެންޝަލްތަކާއި، ޕާސްވޯޑުތަކާއި، ކްރެޑިޓް ކާޑު މައުލޫމާތާއި، ކްރިޕްޓޯކަރަންސީ ވޮލެޓްގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު ވަގަށް ނެގުމަށް ފަރުމާކޮށްފައިހުންނަ ނުރައްކާތެރި މަލްވެއަރއެކެވެ. މިފަދަ ގޮތަކަށް ހޯދާ މައުލޫމާތު ބޭނުންކޮށްގެން އިތުރު ސައިބަރ ހަމަލާތައް ދިނުމަށްވެސް ބޭނުންކުރެއެވެ.
އޮޕަރޭޝަން ސެކިއުރގެ ތެރެއިން، ދިވެހިރާއްޖެއާ ގުޅުންހުރި މައުލޫމާތުތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ތަހުގީގުކޮށްފައިވެއެވެ. މި މަސައްކަތުގައި އިންޓަރޕޯލްގެ އިތުރުން، ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު އެއްކޮށް، އަދި އެ މައުލޫމާތުތައް ދިރާސާކުރެވިފައިވެއެވެ.
މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރިޕޯޓުތައް އެކުލަވާލައި، ކަމާގުޅޭ ހޯދުންތައް އޮޕަރޭޝަންގެ އެހެނިހެން ބައިވެރިންނާ ހިއްސާކުރުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާ ގުޅުންހުރި ނުރައްކާތެރި ހަރަކާތްތައް ދެނެގަތުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދާފައިވެއެވެ.
މި އޮޕަރޭޝަނުގައި އެކު ޖުމުލަ 41 ސަރވަރއާއި 100 ގިގަބައިޓަށްވުރެ ގިނަ ޑޭޓާ އަތުލައިގަނެވުނެވެ. އަދި ގާނޫނާ ހިލާފު ސައިބަރ ހަރަކާތްތަކާ ގުޅުންހުރި 32 މީހަކު ހައްޔަރުކުރެވުނެވެ. މީގެ އިތުރުން، މި އޮޕަރޭޝަނުގައި 216،000 އަށްވުރެ ގިނަ ވިކްޓިމްސް އާއި ވިކްޓިމަކަށް ވެދާނެ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ދެވި، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެންގިފައިވެއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ސައިބަރ ކްރައިމް ސެންޓަރުގެ ހެޑް ވިދާޅުވީ އޮޕަރޭޝަން ސެކިއުރގައި އަޅުގަނޑުމެންގެ ދައުރަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އަހައްމިއްޔަތުގެ ހެއްކެއް ކަމަށެވެ. އަދ އިންޓަރޕޯލްއާއި ބައިވެރިވި އެހެނިހެން ގައުމުތަކާއެކު ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކަކީ ފަރުދުންނާއި ވިޔަފާރިތަކަށް ނުރައްކާވެފައިވާ މި ބާވަތުގެ ކުށްކުރާ ނެޓްވަރކްތައް ނައްތާލުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖޭގެ ޑިޖިޓަލް ވެށީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ސައިބަރ ކްރައިމް ސެންޓަރުގެ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށާއި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެއްބާރުލުން ހޯދައި ގުޅިގެން މަސައްކަތްކުރުމަށް ބޮޑު އިސްކަމެއްދެއްވާ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް