18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްޞީލުކުރެއްވި ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން އެ މަރްހޫމުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ސުކޫތެއް ގެނެސްފިއެވެ.
މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ މަރުޙޫމް އަޙްމަދު ރަޝީދުގެ އާއިލާއަށް އެމަނިކުފާނާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބޭގޮތުގައި ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. މެންބަރު އަޙްމަދު ރަޝީދުު އިންތިހާބުވީ އޭރު ވެރިކަން ކުރަމުންދިޔަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގަ އެވެ.
މަޖިލީހުގެ ދައުރުގެ ތެރޭގައި އެބޭފުޅާ ވަނީ މާލިއްޔަތު ކޮމިޓީ، 241 ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަދި ގައުމީ ތަރައްގީގެ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް