ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފިކަމަށް ވިޒިޓް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިސިޓް މޯލްޑިވްސް) އިން ލައިފްސްޓައިލް އައިކަން ކެޓްރީނާ ކައިފް ރާއްޖޭގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރގެ ގޮތުގައި ހަމަޖައްސާފައިމިވަނީ ވިސިޓް މޯލްޑިވްސްގެ ޚާއްސަ ސަމަރ ސޭލް ކެމްޕޭނާއެކުގައެވެ. މި ކެމްޕޭނަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ކަނޑުގެ ދިރުންތަކާއި، އަދި ޚާއްސަ ލަގްޒަރީ ތަޖުރިބާތައް ދެނެގަތުމަށް އިތުރު ފަތުރުވެރިން ޝައުގުވެރިކުރުވުމަށް ފަރުމާކުރެވިފައިވާ ކެމްޕޭނެކެވެ.
ކެޓްރީނާ ކައިފަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އައިކަނެއްގެ އިތުރުން، ފާހަގަކޮށްލެވޭ ޕަރފޯމަރެއް އަދި މަޝްހޫރު ވިޔަފާރިވެރިއެކެވެ. އެކި ސިނާއަތްތަކަށާއި އެކި ޤައުމުތަކަށް ކެޓްރީނާގެ ނުފޫޒު ފެތުރިފައިވާއިރު ކެޓްރީނާއަކީ ބްލޮކްބަސްޓަރ ފިލްމުތަކުގެ ފާހަގަކުރެވޭ ޕޯޓްފޯލިއޯއަކާއި ގިނަ ޝަރަފުވެރި އެވޯޑުތަކާއެކު، އިންޑިއަން ސިނެމާއަށް ގިނަ ޚިދުމަތްތައް ކޮށްދީފައިވާ މީހެކެވެ. ސްކްރީނުގައި ލިބުނު ކާމިޔާބީގެ އިތުރުން، އޭނާވަނީ ވިޔަފާރީގައި އަންހެނުންގެ ދައުރު އަލުން މާނަކުރުމާއެކު، ފާހަގަކުރެވޭ ވިޔަފާރިވެރިކަމުގެ ހުނަރު ދައްކުވައިދީފައެވެ. ފޯބްސްގެ އައިކަން އޮފް އެކްސެލެންސްގެ ޝަރަފުވެރި އެވޯޑު ލިބިފައިވާ ކެޓްރީނާވަނީ ވިޔަފާރިއާއި މުނިފޫހިފިލުވުމުގެ ދާއިރާގައި އިސް ދައުރެއް އަދާކޮށްފައެވެ.
ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރުގެ ހައިސިއްޔަތުން ކެޓްރީނާ ވަނީ ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއް ކަމަށާއި އެމްބެސެޑަރަކަށް ހޮވުމަކީ އޭނާ ލިބުނު ޝަރަފެއްކަމަށް ބުނެފައެވެ. އަދި މި ޕާޓްނަޝިޕްގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ދިވެހިރާއްޖެއިންކަން ދައްކުވައިދިނުން ކަމަށް ކެޓްރީނާ ބުންޏެވެ.
މި ކަމާ ގުޅިގެން ވިސިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ބުނީ، ދުނިޔޭގެ މުހިންމު މާކެޓްތަކުގައި ސަމަރ ސޭލް ފެށުމަށް ތައްޔާރުވެފައި އޮތް ދަނޑިވަޅެއްގައި ރާއްޖެ ތަމްސީލުކުރުމަށް ކެޓްރީނާ ފަދަ ކުޅަދާނަ އަދި މަޝްހޫރު ތަރިއެއް އެމްބެސެޑަރއެއްގެ ގޮތަށް ހަމަޖެހިގެން ދިއުމަކީ އެންމެ މޮޅު މަންޒިލްގެ ގޮތުގައި ރާއްޖެ ވިދިވިދިގެން 5 އަހަރު ހޮވިފައިވުމަށް ލިބޭ އިތުރު ހިތްވަރެއްކަމަށެވެ. އަދި އޭނާ ވަނީ ކެޓްރީނާއަށް މަރުހަބާ ކިޔާފައެވެ.
ސަމަރ ސޭލް ކެމްޕޭނުގައި ހިމެނެނީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކާއި، ބުޓީކް ގެސްޓްހައުސްތަކާއި، އާއިލާއާއެކު ހޭދަކުރުމަށް އެކަށޭނަ ތަންތަނުގައި ލިބޭ ޚާއްސަ އޮފަރތަކާއި އަގުހެޔޮ ޑީލްތަކެވެ. މި ކެމްޕޭން މިހާރު ދަނީ ޔޫކޭ، ރަޝިއާ އަދި ސީއައިއެސް، ޑީއޭސީއެޗް ސަރަހައްދު، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ މުހިންމު ގްލޯބަލް މާކެޓްތަކުގައި ކުރިއަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް