އުންމީދަކީ ފެލިވަރު އަދި ތިނަދޫ ކޯލްޑް ސްޓޯރޭޖް ނިންމައި މިއަހަރު ބޭނުންކުރެވޭ ވަރު ވުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައެވެ.
އެގޮތުން، ކޯލްޑް ސްޓޯރޭޖްގެ ދަތިކަން ހައްލުކުރެވިއްޖެނަމަ މަސް ބޭނޭވަރަކަށް މި ބޭރުކުރާ ބޭރުކުރުން ހިފަހައްޓާލެވޭނެކަމަށާއި މިހާރު މަސް ބޭރުކުރަނީ ގަންނަ ކުންފުނިތަކުން ބޭނުންވުމުން ނޫންކަމަށާއި އޭގެ ސަބަބުން މަހަށް ހަމަ އަގު ހޯދުމަށް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކޯލްޑް ސްޓޯރޭޖްތައް އެޅުމުން މަހަށް ރަނގަޅު އަގެއް ހޯދުމަށް ވަރަށް ބޮޑަށް ފުރުސަތު ފަހިވެގެންދާނެކަމަށެވެ.
އަދި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކުރެވި މަސް ހިފަހައްޓާލެވޭކަމަށްވާނަމަ ރަނގަޅު އަގެއް ލިބޭނެކަމަށާއި ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ތިނަދޫގައި ޤާއިމްކުރާ ފެސިލިޓީ ނިންމުމަށް ކުރަންޖެހޭ މަސައްކަތް ބާރަށް ކުރިއަށް އެބަ ގެންދެވޭ. ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ ކޮންޓްރެކްޓަރާ ގުޅިގެންވެސް އޭގެ ސްޕީޑް ބާރުކުރުމުގެ މަސައްކަތް މި ކުރަނީ. އަޅުގަނޑުމެން މި އުންމީދުކުރަނީ މިއަހަރު ނިމުމުގެ ކުރިން ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްވެސް އަޅުގަނޑުމެންނަށް އޮޕަރޭޝަނަށް ގެނެވޭނެ. އަދި ހަމަ އެއާއިއެކު ތިނަދޫގެ ކޯލްޑް ސްޜޯރޭޖްވެސް އަޅުގަނޑުމެން އޮޕަރޭޝަންއަށް ގެންނަން ބޭނުން. އަދި އެމަގުން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ." ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މ. އަތޮޅު މުލަކުގައި ކޯލްޑް ސްޓޯރޭޖް އެޅުމަށް މިހާރު ސައުދީ ކުންފުންޏަކަށް އެވޯޑް ކުރެވިފައިވާކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެއީ ސައުދީ ފަންޑުގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮޖެކްޓެއްކަމަށާއި މަސައްކަތް ފެށި ގިނަ ދުވަސްތަކެއް ނުވެ މުލަކުގެ ކޯލްޑް ސްޓޯރޭޖްވެސް ބޭނުންކުރެވިގެންދާނެކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް