މިއަދަކީ ބަރަކާތްތެރި އަޟްޙާ ޢީދުދުވަސް ކަމަށާއި މިއަދު ޙައްޖުވެރިން މިނާއަށް ގޮސް ޖަމްރަތުލްޢަޤަބާއަށް ހިލަ އުކާނެކަމަށާއި އެއަށްފަހު ބޯ ބާލައި ނުވަތަ ބޯ ކޮށައި ހަދުޔު ކަތުލައި ޠަވާފުލްއިފާޟާ ކުރާނެކަމަށް ޢީދު ޚުޠުބާގައި ބުނެފިއެވެ.
މިއަދު ޚާއްޞަ ޚުޠުބާގައި ބުނެފައިވަނީ މިއީ ޙައްޖުގެ އެންމެ ބޮޑު ދުވަސްކަމަށާއި ދުނިޔޭގެ ކަންކޮޅުތަކުން އެތައް މުސްލިމުންނެއް އެއް ބިމެއްގައި މާތް ﷲގެ އަމުރުފުޅަށް ބޯލަނބައި އެއްވެ ތިބޭ މި މަތިވެރި އެއްވުމަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި، މާތްﷲ ގެ ހަޟްރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ ޢާލަމީ ބައްދަލުވުމްކަމަށެވެ.
ޙައްޖުވެރީންގެ މި ބައްދަލުވުން ހިނގަމުންދާއިރު މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައިވާ މުސްލިމުން މާތްﷲ އަށް ތަކުބީރުކިޔައި، ޢީދުނަމާދުކޮށް، އުޟުހިޔާ ކަތިލާނެއެވެ.
މިއަދު ޢީދު ފާހަގަކުރާއިރު އިބްރާޙީމް ޢަލައިހިއްސަލާމް އާއި އިސްމާޢީލް ޢަލައިހިއްސަލާމް ވެވަޑައިގަތް މަތިވެރި ޤުރުބާނީއިން އަޅަމެން ޢިބުރަތް ޙާޞިލުކުރަންޖެހޭކަމަށް އަލިއަޅުވާލަމުން ޚުޠުބާގައި ބަޔާންކޮށްފައިވަނީ، އެ ރަސޫލުބޭކަލުންގެ ޤުރުބާނީއަކީ މާތްﷲއަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެއްކަމަށެވެ.
އަދި އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތްﷲ އާއި އެކަލާނގެ ރަސޫލާ (ޞ.ޢ.ވ) ގެ އެންގެވުންތަކާ ދުރުހެލިވުންކަމަށާއި، ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސްނޭހުންކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. ކީރިތި ރަސޫލާ (ޞ.ޢ.ވ) ގެ ޞަޙާބީންގެ ކުރިފުޅު މަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައި، ކިޔަމަންގަނެ އިސްލާމްދީނަށް ފައުޖުފައުޖަށް މީހުން ވަނީ އެބޭކަލުންގެ މުއްސަނދިކަމުން ނުވަތަ އެބޭކަލުންގެ ހަށިކޮޅުތަކުގެ ވަރުގަދަކަމުން ނޫންކަމަށާއި އެކަން އެހެންވީ، އެ ބޭކަލުންގެ އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުންކަމަށް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، މި ޢީދުން އައު ޞަފުޙާއެއް ހުޅުވައިލައި، ތިމާގެ މުޅި ޙަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހެދުމަށާއި އިއްޒަތްތެރި ބަޔަކަށް ވެވޭނީ އޭރުންކަމަށް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. އެ އިއްޒަތާއި ޤަދަރު ޙާޞިލުކުރެވޭނީ، ދީނުގެ އަސާސްތަކުގައި ހިފައި، ބައިބައިނުވެ، އުންމަތުގެ މަޞްލަޙަތުތައް ޙާޞިލުކުރުމަށްޓަކައި އެއްގަލަކަށް އަރައިގެންކަމަށާއި މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށްވެފައި ވަނީ އެބައިމީހުންގެ އެއްބައިވަންތަކަންކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް