މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 4.85 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
އެގޮތުން، މި ފައިސާއަކީ، މެއި 27 ވަނަ ދުވަހު ކިރާފައިވާ މަހަށް ވާ ފައިސާއަށްވާއިރު، އެ ކުންފުނިން ވަނީ 37 ދޯންޏަކަށް 4،851،652 ރުފިޔާ ދައްކައިފައިކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ. މި ފައިސާ ޖަމާކޮށްދީފައިވަނީ މިއަދުއެވެ.
Fishing vessel payments have been credited to respective fishing vessel accounts. Credit settled period (27 May 2025). pic.twitter.com/nHFwMmNXjv
— MIFCO (@mifcomv) May 29, 2025
މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ޖަމާކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މިފްކޯއިން އެ ފައިސާ ޖަމާކުރަމުންދާއިރު، މަސްވެރި ސިނާއަތަކީ ދިވެހީންގެ ލޭނާރުގެ ގޮތުގައި އަލުން ފެންނާނެ ގޮތް ހެދުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށް މީގެ ކުރިން ވަޒީރު ޝިޔާމްވެސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން "ރިޔާސީ ބަޔާން 2025 ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ފާއިތުވި 40 އަކަށް އަހަރު ރާއްޖޭގެ މަސްވެރި ސިނާއަތަށް އޮތީ އަޅައިލާން ޖެހޭ ވަރަށް އަޅާނުލެވި ކަމަށާއި އެ ސިނާއަތުގެ ތަރައްޤީއަށް މާ ގިނަ މަސައްކަތްތަކެއް ސަރުކާރުތަކުން ކޮށްފައިނުވާކަމަށާއި އެހެންނަމަވެސް، ރައީސް މި އަހަރު ދެއްވި ރިޔާސީ ބަޔާނަކީ މަސްވެރި ސިނާއަތަށް އުންމީދީ ބަޔާނެއްކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
މި ސަރުކާރުގެ ފާއިތުވި އަހަރެއްހާ ދުވަހު މަސްވެރި ސިނާއަތުގެ ކުރިއެރުމަށް ކޮށްފައި ހުރި ކަންކަމާއި ކުރިއަށް ކުރަން ހުރި ކަންކަމަށް ބަލާއިރު މަސްވެރި ޢާއިލާތަކަށް ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއްކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް