މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 8.88 ބިލިއަން ރުފިޔާއަށް އަރައިފިކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މާރިޗު މަހާއި އަޅާބަލާއިރު 0.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ތަފްސާހިސާބުތަކާ ބެހޭ ޤައުމީ އިދާރާއިން ޝާއިއުކުރާ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ) އަށް ކޮންމެ މަހަކު އަންނަ ބަދަލު ނުވަތަ މަންތްލީ އިންޑިކޭޓާރސް އޮފް އިކޮނޮމިކް ގްރޯތް (އެމް.އައި.އީ.ޖީ) އަކީ ގައުމެއްގެ އިޤުތިޞާދަށް އަންނަ ބަދަލުތައް އަވަސް މިނެއްގައި މަހުން މަހަށް ދައްކުވައިދޭ މިންގަނޑެކެވެ.
ކޮންމެ މަހެއްގެ ޖީ.ޑީ.ޕީ އެކުލަވާލެވެނީ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ދާއިމީ އަގުން ނުވަތަ ރިއަލް ޖީ.ޑީ.ޕީވެސް އެކުލަވާލާ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިން އަދި އިގްތިސާދުގެ މައިގަނޑު ދާއިރާތަކުގެ މައުލޫމާތު ހިމަނައިގެން ކުއާޓަރލީ ޖީ.ޑީ.ޕީއާ އެއްހަމަކުރެވިގެންނެވެ. މި އިންޑިކޭޓަރ ތަކުން އިގްތިސާދުގައި ހިމެނޭ މައިގަނޑު އިންޑަސްޓްރީތަކާއި އިގްތިސާދީ ހަރަކާތްތަކަށް އަންނަ ބަދަލުތައް ދައްކުވައިދެއެވެ. ގައުމުގެ ސިޔާސަތުތައް ބައްޓަން ކުރުމަށާއި ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާ އިގްތިސާދީ މުހިންމު މައުލޫމާތު އަވަސް މިނެއްގައި މަންތްލީ ޖީ.ޑީ.ޕީ އިން ފޯރުކޮށްދެއެވެ.
މި ހަފްތާގައި ޝާއިއު ކުރެވުނު މޭ މަހުގެ އަދަދުގައި ހިމެނެނީ ޖަނަވަރީ 2014 އިން ފެށިގެން މާރިޗު 2025ގެ ނިޔަލަށް އަންދާޒާ ކުރެވިފައިވާ ޖީ.ޑީ.ޕީއެވެ. މި ތަފާސްހިސާބުތަކުން އަންދާޒާ ކުރެވޭގޮތުގައި ޤައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދީފައިވަނީ ސަރުކާރުގެ އިދާރީކަންކަން ހިންގުމުގެ ދާއިރާއިންނާއި، ގޯތިގެދޮރުގެ ވިޔަފާރީގެ ދާއިރާ (ރިއަލް އެސްޓޭޓް) އަދި ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.
އިޤްތިޞާދީ ދާއިރާތަކުން ޤައުމީ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރަށް ބަލާލާއިރު، މިއަހަރުގެ މާރިޗު މަހުގެ ޤައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއެވެ. އެއީ 24.1 އިންސައްތަ އެވެ. ދެވަނަ އަދި ތިންވަނައަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކާއި (%13.1) އަދި ގޯތިގެދޮރުގެ ވިޔަފާރީގެ ދާއިރާ (%9.0) އިންނެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްކްސްއިން މަންތްލީ ޖީ.ޑީ.ޕީ އެކުލަވާލައި މި ބިއުރޯގެ ވެބްސައިޓުގައި ކޮންމެ މަހަކުވެސް ޝާއިޢުކުރަމުން ގެންދާނެއެވެ. މަންތްލީ ޖީ.ޑީ.ޕީ ޝާއިޢުކުރެވޭނީ ކޮންމެ މަހެއް ނިމޭތާ 45 ދުވަހުގެ ތެރޭގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް