ޒިކުރަކީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރުކަމަށާއި އެއީ ދުނިޔެއާއި އާޚިރަތުގައި އެކަމުގެ ސަބަބުން ނަޖާވާކަމެއްކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުޠުބާ ހާއްސަކޮށްފައިވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާ ގުޅޭގޮތުންނެވެ. އެގޮތުން، މާތް ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތައްކަމަށާއި އެ މައްސަރުތަުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖުގެ މައްސަރުކަމަށް މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
އަދި ޙައްޖުމަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސްކަމަށާއި، މި ދުވަސްތަކުގައި ކުރެވޭން އޮތް ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މުސްލިމުންނަކީ މާތް ﷲ ގެ ބަރަކާތާއި، ރުއްސެވުމާއި ފުއްސެވުމުގެ ތެރޭގައި އުޅޭންޖެހޭ ބައެއްކަމަށާއި، ޢަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު ޢަމަލީ މާތްﷲ ކިޔަމަންތެރިވުމުގެ ގޮތުން ކުރާ ޢަމަލުތައްކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސްކަމަށާއި އެ ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި މާތް ﷲ މި މަތިވެރި އިސްލާމްދީން ފުރިހަމަކޮށްދެއްވުން ހިމެނޭކަމަށާއި މި ދީން ފުރިހަމަވުމުގެ ސަބަބުން މި ދީނުގެ އަހުލުވެރީންނަށް ފުރިހަމަކަން ލިބޭނެކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
ހަމައެއާއެކު، އެ މީހުން ކުރާ ޢަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބޭނެކަމަށާއި، އެ މީހުންގެ ޙަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ޙަޔާތަކަށް ވާނެކަމަށާއި އެމީހުންގެ ސުލޫކާއި އަޙުލާޤު ރިވެތި ވާނެކަމަށާއި އިސްލާމްދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަސީބުލިބޭކަމަށްވެއެވެ.
އެހެންކަމުން، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ހޯދައި، މުސްލިމުންނަށް މާތް ﷲ ދެއްވާފައިވާ ފުރުޞަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބަޔަކަށްވެ، އެފަދަ ހެޔޮކަން ބޮޑު ދުވަސްތަކުގައި ޞާލިޙު ޢަމަލުތައް ގިނަކޮށް މާތްﷲ ގެ ހަޟްރަތުގައި މަތީދަރަޖައެއް ލިބޭތޯ ވާދަކުރުމަށާއި، އެ ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ ޢަމަލުތަކުގެ ތެރޭގައި މާތްﷲ އަށް ޒިކުރުކުރުން ހިމެނޭކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
އަދި ޒިކުރަކީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރުކަމަށާއި އެއީ ދުނިޔެއާއި އާޚިރަތުގައި އެކަމުގެ ސަބަބުން ނަޖާވުން ލިބޭނެކަމެއްކަމަށާއި، ޒިކުރުކުރާ މީހާ، ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިންޏާއި ހިލަތަކުގެ ހޫނުން ރައްކާތެރިކޮށްދޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް