ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާކަން ހާމަވެއްޖެއެވެ.
މާލީ ވުޒާރާއިން 20 މެއި 2025 ގައި އާއްމުކުރި، 15 މެއި 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ޚަރަދުކުރި މިންވަރު އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތަށްވުރެ 5.5 އިންސައްތަ އިތުރު އަދަދެކެވެ.
އަދި ޓެކުހާއި ޓެކްސް ނޫން އާމްދަނީ ހިމެނޭހެން، މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.5 އިންސައްތައިން އިތުރުވެ، ބަޖެޓްގެ ޕްރައިމަރީ ސަރޕްލަސް 3.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 11.2 ބިލިއަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.8 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 36.3 އިންސައްތަ، 15 މެއިގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 26.3 އިންސައްތައެވެ.
މިއާއެކު، ދައުލަތުން ކޮށްފައިވާ ޖުމުލަ ޚަރަދު ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 20.3 އިންސައްތައިން ދަށްވެފައެވެ. އެގޮތުން، 15 މެއި 2025ގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ޚަރަދުކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާއެވެ. އެއާއެކު، ބަޖެޓްގެ އޯވަރޯލް ސަރޕްލަސް މިވަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ބަޖެޓްގެ ބެލެންސް ހުރީ 2.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް