އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ފުޅާދާއިރާއެއްގައި އޭގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) އަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި ހުކުމް އިއްވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.
އުމުރުން 38 އަހަރުގެ އަބުޗާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ކުރިއަށް ގެންދެވުނު ޝަރީއަތްތަކަށް ފަހުގައެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއަށް އަބުޗާ އިއުތިރާފުވެ، ދައުލަތާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ މައުލޫމާތު ދައްކާ ގޮތުން، އަބުޗާގެ މައްޗަށް އަސްލު 50 އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް، އިއުތިރާފުވުމުން ދިން ލުޔެއްގެ ގޮތުން އެ ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށްފައެވެ. މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހޭދަކޮށްފައިވާ ހަތަރު އަހަރު އުނިކުރުމުން، ދެން އޭނާ ޖަލުގައި ހޭދަކުރަންޖެހޭނީ 21 އަހަރެވެ.
2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަބުޗާ އަތުން 61 ކިލޯގެ ޑައިމޯފިނާއި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަނުގައި އޭނާއާއެކު އިތުރު 17 މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ.
ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އަބުޗާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން އަށް ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. މީގެ އިތުރުން ޖަމާއަތް ހަދައިގެން ރޭޕްކުރުމާއި، މާރާމާރީ ހިންގުމާއި، ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުމާއި، އަމުރަށް ނުކިޔަމަންތެރިވުން ފަދަ އެކި ބާވަތުގެ މައްސަލަތަކުގައި ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް