ގައިދީންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ކ. މާފުށީ ޖަލުގައި ފުޓުބޯޅަ މުބާރާތެއް ބާއްވައިފިއެވެ.
”އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް“ ގެ ނަމުގައި ފެށި މި މުބާރާތް އިފްތިތާޙު ކޮށްދެއްވީ ޕްރޮސެކިއުޓާ ޖެނެރަލް ޢައްބާސް ޝަރީފެވެ. އެމަނިކުފާނުގެ އަރިހުގައި މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީއާއި މާފުށީ ޖަލުގެ ޑައިރެކްޓަރު ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީންގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި ސީނިއާ ރޭންކްތަކުގެ މުވައްޒަފުން ވެސް ބައިވެރިވެވަޑައިގަތެވެ.
މޯލްޑިވްސް ކަރެކްޝަންސް އިން ބުނީ މިފަދަ މުބާރާތެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ ގައިދީންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރުއެޅުމާއި ހުސް ވަގުތުތައް އުފާވެރި ގޮތެއްގެ ހޭދަކުރުމަށް ބާރު އެޅުން ކަމަށެވެ.
މިފަދަ ހަރަކާތްތަކުގައި ގިނައިން ބައިވެރިވުމަކީ ޤައިދީންގެ އުޅުމާއި އަޚުލާގަށް ހެޔޮ ބަދަލު އައިސް، އިސްލާޙުވުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
އެގޮތުން، މި ސަރުކާރުގެ ޕޮލިސީތަކާއި އެއްގޮތަށް ޤައިދީން ރިހެބިލިޓޭޓްކޮށް، މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް މިހާރު ހިންގާ ޕްރޮގްރާމްތަކުގެ އިތުރުން ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ކަރެކްޝަންސުން ބުނެފައިވެއެވެ.
މިމުބަރާތާ ގުޅިގެން ގައިދީން ބުނީ، މިފަދަ ކުޅިވަރު ކުޅުމުގެ ފުރުޞަތު ލިބުމީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި ދުޅަ ހެޔޮ ސިއްޙަތެއްގައި ތިބުމަށް މިފަދަ ފިޒިކަލް ކުޅިވަރު ކުޅުމުގެ ފުރުޞަތު ލިބުން މުހިންމު ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް