މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބައިވެރިވެގެން، ރާއްޖެއަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުންދިޔަ ފުޅާ ނެޓްވޯކެއް ހުއްޓުވައި، އެކަމުގައި އިސްކޮށް ބައިވެރިވާ ބިދޭސީ މީހާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކޮށްދެމުން ފުލުހުން ބުނީ، ދިވެހިންގެ ބަޔަކު ވެސް ބައިވެރިވާ މި ނެޓްވޯކުގެ ތެރެއިން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަކީ، ފޮޅައި ސާފު ކުރުމުގެ މަސައްކަތަށް ރާއްޖެ ގެނެސްފައިވާ ޝަހާދަތު ހުސެއިން ނަމަކަށް ކިޔާ މީހެއްކަމަށާއި އޭނާ ރާއްޖޭގައި އުޅެމުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ހަތަރު ވޯކް ޕާމިޓުގައި ކަމަށެވެ.
އަދި 2019 ވަނަ އަހަރު މާލެ އައިސް ބީއެމްއެލްގައި ހަ އެކައުންޓު ހުޅުވި ކަމަށާއި އެއީ ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޑޮލަރު ތިން އެކައުންޓު ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އޮކްޓޫބަރު 2019 އިން ފެށިގެން ޑިސެމްބަރު 2024 ވަނަ އަހަރާ ހަމައަށް ޝަހާދަތުގެ އެކައުންތަކަށް އަށް މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޖަމާވެ، ދައުރު ކޮށްފައިވާކަމަށެވެ.
"ޝަހާދަތު އެންމެ ފަހުން ވޯކް ޕާމިޓް ބަދަލުކޮށްފައިވާ ކުންފުނީގައި އޭނާގެ ވަޒީފާއަކީ އޮފީސް ބޯއީ [ސާފު ކުރާ މީހުން] ނަމަވެސް ވަޒީފާ ހަމަޖެހުނު ލިޔުމުގައި މުސާރައިގެ ގޮތުގައި ވަނީ 3000 ޑޮލަރު ކަމަށް. އެކްސްޕެޓް ސިސްޓަމްގައި ވެސް ޖަހާފައި ވަނީ އޮފީސް ކްލީނާ ކަމަށާއި މުސާރައަކީ 3000 ޑޮލަރު ކަމަށް،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިދިޔަ އަހަރު ޖުލައި 24 ގައި އޭނަގެ ވޯކް ޕާކިޓް ހަމަވެފައިވާ ކަމަށާއި ހައްޔަރު ކުރުމާ ހަމައަށް އޭނާ ދިރިއުޅެމުން ދިޔައީ 18،000ރ. މަހަކު ކުއްލި ދައްކައިގެން ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައި ކަމަށް ތަހުގީގުން ހާމަވެފައިވާ ކަމަށެވެ.
ޝަހާދަތު ހުސެއިން ގެންގުޅޭ މޯބައިލް ފޯނު އަދި ލެޕްޓޮޕުގައި އެކި ކުންފުނިތަކުގެ ރަޖިސްޓްރީ، ލޯގޯ އާއި ސްޓޭމްޕާއި ބިދޭސީން ހިމެނޭ ގޮތަށް އެކި މީހުން ސޮއި ފެނިފައިވާ ކަމަށް ފާހަގަކުރަމުން ފުލުހުން ބުނީ، ވޯކް ޕާމިޓް ނެގުމަށް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓާއި ބިދޭސީންގެ ޕާސްޕޯޓު ކޮޕީ އާއި ބައެއް ދިވެހިންގެ އައިޑީ ކާޑު ފޮޓޯ އޭނަގެ ލެޕްޓޮޕާއި ފޯނުންވެސް ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން ވޯކް ޕާމިޓް ސައިޓް ތަކަށް ވަދެފައިވާ ކަމުގެ ވެބް ހިސްޓްރީ ވެސް ފެނިފައިވެ އެވެ.
"މިތަކެތި ފެނިފައިވުމުން ތަހުޤީޤަށް ހާމަވާ ކަމަކީ ޝަހާދަތު ޙުސައިން އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ރާއްޖެ އެތެރެކޮށް އޭގެން މާލީ މަންފާ ހޯދާ ފަރާތެއްްކަން," ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ޝަހާދަތު ޙުސައިން ކުރަމުން ގެންދިޔައީ ދިވެހީންގެ ގިނަ ބަޔަކާއި ކަރެކްޝަންގެ ބައެއް މުވައްޒިފުންގެ ބައިވެރިވުން ވެސް އޮވެގެންކަމަށާއި އަދި އެ މީހުން ގެންދިޔައީ ކުންފުނިތަކުގެ ކޯޓާ ނަގާ ބިދޭސީން އެތެރެކޮށް އެ މީހުން މާލެތެރެއަށް ދޫކޮށްލަމުން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ސައްހަ ނޫން ވޯކްޕާމިޓް ހަދާ ބަންގްލަދޭޝްގައި ތިބޭ މީހުންނަށް ފޮނުވުމަށް ފަހު ރާއްޖެ އަންނަން ބޭނުންނަމަ އޭނާ ބުނާ އެކައުންޓަކަށް ފައިސާ ޖަމާކުރަން އަންގަމުންދިޔަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
"ޝަހާދަތު ހުސައިން މި މަަސައްކަތް ކުރަމުން މިގެންދަނީ ދިވެހީންގެ ގިނަ ބަޔަކާއި މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރާ ބަޔަކާއި ގުޅިގެން ކަން ޝަހާދަތު ހުސައިންގެ ފޯނުން ފެނިފައިވާ ޗެޓް ލޮގްތަކާއި ޑޮކިއުމަންޓްތަކުން އެނގޭ,"
މި މައްސަލާގައި ޝާމިލްވާ ދިވެހީންނާއި ގުޅުން ހުރި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް