ހާއްސައެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާ ގުޅިގެން މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ، ހުޅުމާލޭގައި ހުންނަ ކްލިނިކަކުން ތެރަޕީ ނަގަން ދިޔަ ހާއްސައެހީއަށް ބޭނުންވާ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ކޮށްފައިވާ މައްސަލައިގައި އިންޑިއާގެ ދެ އަންހެން މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެމީހުންނަށް ކޯޓުން ބަންދުކުރުމަށް އަމުރުކޮށް މުއްދަތު ޖަހާފައިވާ ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ރަޖެޝްވަރީ ސިވަކުމާރު އާއި 24 އަހަރުގެ އެޝާ އެންޓޮނެޓްއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ 2025 މެއި 11 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވެނީ 2025 މެއި 5 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ގޮސްފައިވާ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާވާފަދަ ޢަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައަކީ މީސްމީޑިއާގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔަ މައްސަލައެކެވެ. އެގޮތުން އެކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދައުރުވެފައިވެއެވެ. އެ ވީޑިއޯގައި ނޫކުލައިގެ ހެދުމެއް ލައިގެން ހުރި އަންހެނަކު ކުއްޖާއަށް އަނިޔާކުރާ މަންޒަރާއި، ކަތުރެއް ކަމަށް ބެލެވޭ ތޫނު އެއްޗެއް ގެންގުޅޭ މަންޒަރު ވެސް ފެނިގެން ދިޔައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް