މި ސަރުކާރުން ނަރުހުންގެ އަގު ވަޒަންކޮށް ނަރުހުންނަށް ފައިދާހުރި އެތައްކަމެއް ފަހިކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލް އަގްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތޯބުގައެވެ. އެގޮތުން، ަރުހުންގެ އަޑުއަހައި އިޖާބަދޭނަ ކަމަށާއި އިރާދަކުރެއްވިއްޔާ، ނަރުހުންނަށް ފައިދާހުރި އެތައްކަމެއް، އިސްކަންދީގެން މި ސަރުކާރުން ފަހިކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ނަރުހުންނަކީ ވަރުބަލިވުމެއް، ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރިން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ނަރުސް" މިނަމަކީ، އޯގާތެރިކަން، އަޅައިލުން، ހިތްވަރު، މުރާލިކަން، ހިނިތުންވުން ފަދަ މުހިންމު އަދި ރީތި އެތައް ސިފައެއް އެކުވެފައިވާ ޤަދަރުވެރި ނަމެއްކަމަށާއި، ނަރުހުންނަކީ، ޞިއްޙީ ޚިދުމަތުގެ ހިތް ކަމުގައިވެސް، ވިންދު ކަމުގައިވެސް، މައިބަދަ ކަމުގައިވެސް ސިފަކުރެވޭ ކަމަށް ވިދާޅުވިއެވެ.
''ޙަޤީޤީތުގައި، ނަރުހުންނަކީ، ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވައިލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރެވެ. މުޅި ޞިއްޙީ ނިޒާމުގެ އެއްބައި އަނެއްބަޔާއި ގުޅުވައިދޭ ބާރެވެ. ކާމިޔާބުކަމާއެކު ބޭސްފަރުވާދޭ ތަނެއްގެ ލޮލަކީވެސް، ކަންފަތަކީވެސް، ދަރުމަވެރި އަތަކީވެސް ނަރުހުންނެވެ. ބުއްދިވެރި ބަހެއްގައި "އެކެއްގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ބަޠަލެއް ކަމުގައި، އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ނަރުހެއް ކަމުގައި" ބުނަނީ ނަރުހުންދޭ ވަފާތެރި އަގުހުރި ޚިދުމަތުގެ މަތިވެރިކަމަށްޓަކައެވެ'' ރައީސް ވިދާޅުވިއެވެ.
މީގެ އިތުުރުން، ރާއްޖޭގައި ޚިދުމަތްކުރާ ނަރުހުންގެ 92 އިންސައްތައަކީ އަންހެނުންކަމަށާއި މިކަމުން ދޭހަވަނީ، މިފަދަ ބުރަ، ޤައުމީ އަދި އިންސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެންދަރީން އަދާކުރާ އަގުހުރި ދައުރުކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް ޞިއްޙީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށް އިތުރު ނަރުހުން ބޭނުންވެއެވެ. ޤައުމަށް ބޭނުންތެރި މި ޚިދުމަތުގައި ދިވެހީންގެ ނިސްބަތް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެއްކަމަށާއި ބަލިމީހާއާއި، ޢާއިލާއާއި، ޑޮކްޓަރާ މުޢާމަލާތު ކުރަމުން، ހާލުބަލަމުން، ބޭސްފަރުވާ ދެމުން، ބައެއް ޙާލަތްތަކުގައި ބަލިމީހުންނަށް ކާންދީ، ތާހިރުކުރަންވެސް ޖެހޭއިރު ދުނިޔެއަށް އަލަށް ލޯހުޅުވައިލާ ތުއްތު ކުއްޖާއާއި، ދުނިޔެ ދޫކޮށް ލޯމަރައިލާ މީހާގެ ގާތުގައިވެސް ޚިދުމަތުގައި ހުންނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ވަކި އުމުރެއް، ވަކި ގިންތިއެއް ފަންތިއެއް، ވަކި މިޒާޖެއް ތަފާތުކުރުމެއް ނެތި، ކުލުނާއި، އެހީތެރިކަމާއި، ހިތްތިރިކަމާއެކު ނަރުހަކު ޚިދުމަތް ކުރަނީ، އަމިއްލަ ޢާއިލާއާއި ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު، ޑިއުޓީގެ ވަގުތުގައި ހުރިހާ އިސްކަމަކާއި ސަމާލުކަމެއް ބަލިމީހާއަށް ދީގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބައްޔަކަށް، އުނދަގުލަކަށް ފަރުވާ ހޯދަމުންދާ މީހެއްގެ ޢާއިލާއަކީ، ދުނިޔެއަކީ، މިތުރުންނަކީވެސް ނަރުހުންކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބަލީގެ ޝިފާގެ ދެބައިކުޅަ އެއްބަޔަކީ، އިޙްސާންތެރިކަމާއި ރަޙުމާއެކު ނަރުހުންގެ ފުށުން ލިބޭ ހޭހަންކުރުންކަމަށާއި، ނަރުހުންގެ ޚިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ޚިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮދުޢާ، އެތައް ގުނައަކަށް އިތުރު މާތް މަސައްކަތެއްކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް