ދ. ވާނީގައި ތަމްރީނު ހަދަމުންދަނިކޮށް ހާލު ދެރަވި ފުލުސް މީހާއަށް ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ޕޮލިސް ކޮންސްޓަބްލް ޙުސައިން ގާއިސް (34އ) ހާލުދެރަވެ އައިޖީއެމް ހޮސްޕިޓަލް ގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ ނިޔާވެފައިކަމަށެވެ.
ޢަދި މަރްހޫމްގެ އާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަ ކުރަމުން ދިޔަ ފުލުހުންނަށް ތައުޒިޔާ ދަންނަވާފައިވެއެ.
ފުލުހުން ކުރިން ވިދާޅުވި ގޮތުގައި، ހާލުދެރަވެގެން އެ ފުލުހަށް ފަރުވާދޭންފެށީ، 2025 މެއި 4 ވަނަ ދުވަހު، ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު 34 އަހަރުގެ އެ ރެކްރޫޓަށް ގޮވުމުންވެސް ހަބަރެއްނުވުމުންނެވެ.
އޭރުވެސް އެއްވެސް ހަރަކާތެއް ނެތްކަމަށާއި، މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު، ހަމަ އެދުވަހު އެއަރ އެމްބިއުލާންސްގައި މާލެ ގެނެސް ފަރުވާ ދޭންފެށިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވައި މި ހިތާމަވެރި ވަގުތުގައި މަރްހޫމްގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުއާ ދަންނަވަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް