ފުލުހުންގެ ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓު ހިންގެވުމުގައި އިސްކޮށް ހުންނެވި ޗީފް އިންސްޕެކްޓަރ މުހައްމަދު ސާމިހު އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފިއެވެ.
ސާމިހު އެހެން މަޤާމަކަށް ބަދަލުކޮށްފައިމިވަނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާއިން މި މައްސަލައިގެ ތަޙުޤީޤަށް ބަދަލުތަކެއް ގެނައުމަށް ގޮވާލަމުންދިޔަ ދަނޑިވަޅެއްގައެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ރިޔާސީ ކޮމިޝަނެއްވެސް އެކުލަވާލައްވާފައެވެ. އަދި އެ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކަށް ތަބާވާނެކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ހޯމް މިނިސްޓަރު ޢަލީ އަމީން ނުފޫޒު ފޯރުވާފައިވާކަމަށްވެސް އެއްބަޔަކު ތުހުމަތުކުރަމުންދާއިރު، އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ވަނީ މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި ތުހުމަތު ކުރެވެނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއަށް މިނިސްޓަރު ގުޅުއްވާފައިވާކަން ހާމަވުމާ ގުޅިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް